ކާވެނި ކުރަންވީ ނޫކަށީފުރާގެ އެންމެ ޗާލޫކީ ދުވަސްވަރުއެވެ.

wedding

އިންސާނުން އެ މީހުންގެ ޙަޔާތައް ވަކިޚާއްޞަ ބައިވެރިއަކު ހޯދުން އެއީ މުޙިއްމު ކަމެއްތޯއެވެ؟ އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ބާއެވެ؟ މިއީ ކޮށްލަން ރަނގަޅު ސުވާލުތަކެކެވެ. މި ސުވާލުތަކަށް އިލާހީ ޖަވާބެއް އޮތްތޯ ބަލަމާ އަންނާށެވެ!

އިންސާނީ ނަސްލު ޤިޔާމަތްދުވަހާއި ޖެހެންދެން ދުނިޔޭގައި ދެމިއޮތުން އެއީ އިންސާނުން ވުޖޫދުކުރެއްވުމުގެ ކުރިން ވެސް، ޚާލިޤްވަންތަ ﷲ، ބަޝަރިއްޔަތުގެ ކިބައިގައި ލައްވާފައިވާ އަސާސީ ސިފައެކެވެ.

އެ އިލާހު ވަޙީކުރައްވަނީ، ﴿وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً ﴾ (البقرة: 30). މާނައީ:- "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكةންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ!" މިއެވެ.

މި އާޔަތުގައި އަންގަވާފައިވާ خليفة އަކީ އިންސާނުންނެވެ. އެއިން މުރާދު ކުރެވެނީ ޖީލަކަށްފަހު ޖީލެއް (ޤިޔާމަތާއި ޖެހެންދެން) ދެމިގެން ދިއުމަށެވެ. އިންސާނީ ނަސްލު ދެމި އޮންނާނީ ދަރިމައިވުމުގެ ތެރެއިންނެވެ. ދަރިމައިވުން ވަނީ ކާވެނީގެ ތެރެއިންނެވެ.

ނަބިއްޔުންނާއި ރަސޫލުންގެ ފިޠުރަތުގެ ތެރޭގައި ވެސް ކާވެންޏާއި ދަރިފަސްކޮޅު ހިމެނިގެންވިއެވެ. ކީރިތި ޤުރްއާނުގައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ.

﴿وَلَقَدْ أَرْسَلْنَا رُسُلاً مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ...﴾ (الرعد: 38). މާނައީ:- "ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. ..." އަދި ހަމަ އެހެންމެ މި ފިތުރަތު ވަނީ އެހެން ހުރިހާ އިންސާނުގެ ކިބައިގައި ވެސް ލައްވާ، އެކަމަށް އަމުރު ވެސް ކުރައްވާފައެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވަނީ، ﴿وَأَنكِحُوا الأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ...﴾ (النور: 32). މާނައީ:- "އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުން ވެސް މެއެވެ...." އަދިވެސް އެ އިލާހު އެންގެވިއެވެ. ﴿...فَانكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَى وَثُلاَثَ وَرُبَاعَ فَإِنْ خِفْتُمْ أَلاَّ تَعْدِلُوا فَوَاحِدَةً ...﴾ (النساء: 3). މާނައީ:- "... އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެ މީހުނާއެވެ. ނުވަތަ ތިން މީހުނާއެވެ. ނުވަތަ ހަތަރު މީހުނާއެވެ. ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ...". މިއެވެ.

ކާވެނި ކުރަންވީ ތިމާގެ ނޫކަށީފުރާގެ އެންމެ ޗާލޫކީ ދުވަސްވަރުއެވެ. ހަށިގަނޑުގައި ޖޯރުހުރި ޒުވާން ޢުމުރުގައެވެ. ދަތްހުރި ދުވަހު ކާށި ކާން އުޅުމަކީ އެއީއެވެ. އެ ދުވަސްވަރު ކާވެންޏާ ދުރުދުރުން އުޅޭނަމަ ޒިނޭކުރުންފަދަ ފާޙިޝް ޢަމަލުތަކަށް އަރައިގަނެވިދާނެއެވެ. މަގުހޯދާއަރަތެއްގައި ދާނެ، ނުދާނެ ދިމާއެއް ނޭނގި ވިހާލި ވެދާނެއެވެ. މިކަމަށް އިޝާރާތްކުރަށްވާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ވަނީ ޒުވާން އުމުރުގައި ކާވެނިކުރުމަށް ބާރުއަޅުއްވާފައިވެއެވެ.

ޙަދީޘްކުރައްވަނީ ”يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَن لَم يَسْتَطِعْ فَعَلَيْهِ بِالصَّومِ، فَإِنَّهُ لَهُ وِجَاءٌ“ – البخاري ومسلم –  މާނައީ:- " ޢަބްދުﷲ ޢިބްނު މަސްޢޫދު رضي الله عنهގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ. "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނިކުރުމަށް ކުޅަދާނަވެގެންވާ އެންމެން ކާވެނި ކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ރައްކާތެރިކަމެކެވެ. އަދި ކާވެންޏެއް ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ފާޙިޝްކަންކަމުން ދުރުކުރާނޭ އައްޑަނައެކެވެ."

ޙަދީޘުގައި ބަޔާންވެދިޔަ ލޮލަށްވާ ފިނިކަމަކީ، ތިމާގެ ޒިންމާގެ ދަށުގައިވާ އަނބިންނާއި ދަރިންނެވެ. އެކަން ދޭހަވަނީ އަންނަނިވި އާޔަތުންނެވެ.

﴿وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ ...﴾ (الفرقان: 74). މާނައީ:- "އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ!..." ޙަދީޘުގައި ފަރުޖުތަކަށްވާ ރައްކާތެރިކަމެކޭ އެ ވަނީ، އެންމެހާ ފާޙިޝްކަމަކުން ދުރުހެލިވެވި، ތިބާގެ ޢިއްފަތްތެރިކަން ރައްކާތެރިވެގެން ވުމެވެ.

ކާވެނީގެ ބޭރުން ދަރިން ހޯދުމުގެ ފަލްސަފާއަކީ އިސްލާމްދީނާ ވަރަށް ބީރައްޓެހި ފަލްސަފާއެކެވެ. އަދި ކިއެއްތޯއެވެ. އިންސާނީ ހަމަ ބުއްދިވެސް އެކަމަށް ތަރުހީބެއްދޭ ކަމެއް ނުމެނޫންމެއެވެ. އެއީ ކީއްވެތޯއެވެ؟ އެއީ ދަރިންނަށްފަހު އަންނަ ޒިންމާގެ ބޮޑުކަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *