ކޯވިޑް-19ގެ ސަބަބުން މާލެ ދޫކޮށް ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ޖެންޑަރ މިނިސްޓްރީގެ އެހީގައި ރަށަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 19 އާއިލާއެއް ރަށަށް ބަދަލުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކޯވިޑް-19އާ ގުޅިގެން ޖެންޑާ މިނިސްޓްރީން އާއިލާތަކަށް އެހީވުމަށް ކުރިއަށްގެންދާ 'އަހުލު" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 27 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޭގެ ތެރެއިން 19 އާއިލާއަކުން 64 މީހަކު ރަށަށް ބަދަލުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Ad
rt

މިގޮތަށް ރަށަށް ބަދަލުވާން އެދޭ ފަރާތްތަކަށް ސަރުކާރުން އަންނަނީ 20،000ރ ގެ ލޯނު އެހީ ދޫކުރަމުންނެވެ. އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކު އިންޓަރެސްޓަކާ ނުލާ ދޫކުރާ މި ލޯނު ދައްކާ ޚަލާސްކުރަން ޖެހީ 3 އަހަރު ދުވަހުގެ ތެރޭގައެވެ. އެގޮތުން މިހާތަނަށް ހަތް އާއިލާއަކަށް މި ލޯނުވަނީ ދޫކޮށްފައެވެ.

މީގެ އިތުރަށް ރި-އެސްޓަބްލިޝް އެލަވަންސްގެ ގޮތުގައި ކޮންމެ އާއިލާއަކަށް 6 މަސްދުވަހަށް 3،000 ރުފިޔާގެ އެލަވަންސެއް ދޭއިރު 12 އާއިލާއަކަށް އެސްޓަބްލިޝްމެންޓް އެލަވަންސް 3 މަހު ދީފައިވާއިރު 7 އާއިލާއަކަށް މި އެލަވަންސް 6 މަހުވަނީ ދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ 8 އާއިލާއަކަށް ލޯނާއި އެލަވަންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު 10 އާއިލާއަކުން ލޯނަށް އެދުމުގެ ކުރިން ވަނީ ރަށަށް ބަދަލުވެފައިވާތީ އެއާއިލާތަކަށް ދަތުރުކުރުމަށްދޭ އެލަވަންސް ނުދޭން ނިންމާފައިވާ ކަމަށެވެ.