ކޯވިޑް-19އާ ގުޅިގެން ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިއަދުން ފެށިގެން ލުއި ދީފިއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ވެކްސިން ފުރިހަަމަކޮށް 14 ދުވަސް ވެފައިވާ މީހުން ދެން އެ ގައުމަށް ގޮސް ކަރަންޓީން ވާން ޖެހޭނީ އެންމެ ދުވަހަކު ކަމަށެވެ.

Ad
rt

އެއީ އެ ގައުމަށް ދިއުމުން ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބެންދެނެވެ. ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް ލަންކާ އަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގައެވެ.

މިއަދުން ފެށިގެން އެ ގައުމަށްދާ ފަތުރުވެރިންނާއި އެހެނިހެން ބޭނުންތަކުގައި ދާ މީހުން ހުއްދަ ނަގަން ޖެހޭނެއެވެ. ފަތުރުވެރިންނަށް އެ ގައުމުގެ ޓޫރިޒަމް ވެބްސައިޓް މެދުވެރިކޮށް ހުއްދަ ދޫކުރާއިރު އެހެނިހެން ކަންކަމުގައި ދާ މީހުން ހުއްދައަށް އެދެން ޖެހޭނީ އެ ގައުމުގެ ފޮރިން މިނިސްޓްރީއަށް މެއިލް ކޮށްގެންނެވެ.

ފަތުރުވެރިންނާއި އެހެނިހެން ބޭނުމަށް ދާ މީހުން ހުއްދަ ނަގަން ޖެހުނު ނަމަވެސް ލަންކާގެ ރައްޔިތުންނާއި ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ހުއްދައަކައިނުލައި ދަތުރު ކުރެވޭނެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލަންކާ އިން ލުއި ދީފައިވާއިރު ބައެއް ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

އެގޮތުން، އިންޑިއާ އާއި ވިއެޓްނާމާއި ދެކުނުއެމެރިކާގެ ގައުމުތަކާއި ދެކުނު އެފްރިކާގެ ގައުމަކަށް 14 ދުވަސް ކުރިން ޒިޔާރަތް ކޮށްފައިވާ އެއްވެސް މީހަކަށް ލަންކާ އަށް އެރުމުގެ ހުއްދަ ނުލިބޭނެއެވެ. ނަމަވެސް އެގައުމުތަކަށް ޒިޔާރަތްކޮށްފައިވާ ލަންކާގެ ރައްޔިތުންނަށް ހާއްސަ ހުއްދައެއްގެ ދަށުން އެނބުރި ގައުމަށް ދެވޭނެއެވެ.