ކ. ތިލަފުށީގެ ހާބަރ ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ވަރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތުގެ 85 އިންސައްތަ އާއި ހެވީވެހިކަލް ޕާރކް ކުރާނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅައި، ފެން ރައްކާކުރާ ތަނެއް ޤާއިމުކުރުމުގެ އިތުރުން ވެހިކަލްޕާރކް ކުރާ ތަނަކާއި ފިއުލް ޓޭންކް ސްޓޭޝަނެއް ގާއިން ކުރާނެއެވެ. އަދި ވަރކްޝޮޕް އިމާރާތެއް ވެސް މި މަޝްރޫއުގެ ދަށުން އަޅާނެއެވެ.

މިއީ 135.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.