ކޮވިޑް-19އާ ދެކޮޅަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ޖަހެހިތާ 14 ދުވަސްވެފައިވާ މީހުންނަށް ދަތުރު ކުރެވޭ ގޮތަށް އެޗްޕީއޭއިން ލުއިދީފިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ޖެހިތާ ދެ ހަފްތާ ވެފައިވާ މީހުންނަށް ދަތުރު ކުރެވޭނީ މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށަށް ކަމަށެވެ. އަދި އެގޮތަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާއެއް ހުށަހަޅައިގެން ކަމަށެވެ.
މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި ކޭސްތަކުގެ އަދަދަށް ބަލައި މި ފިޔަވަޅުތަކަށް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން ކު މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތަ އާއި 10 އިންސައްތައިގައި ހުންނަ ދުވަސްވަރު ދެ ޑޯޒް ޖަހާފައިވާ މީހުން ރަށަކަށް ދާނަމަ، ހަތް ދުވަސް ވަންދެން އެ ރަށެއްގައި ކަރަންޓީން ވާން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 10 އިންސައްތައަށް ވުރެ އިތުރުވާ ނަމަ 14 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އުސޫލާއި އެކު ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ދަތުރުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލު ވެސް އާންމުކޮށްފައިވާއިރު، އެ ލުއި ދިން ނަމަވެސް ރިސޯޓުތަކުން މަހަކު އެއް ފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 ޕަސެންޓްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ޖެހެ އެވެ. އަދި އެގޮތަށް މުވައްޒަފުން ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރިސޯޓުތަކުންނެވެ.
މިގޮތަށް ދަތުރުކުރެވޭ އުސޫލެއް ގާއިމްކޮށްފައިވާއިރު، މިހާރު ވެސް ކޮވިޑް-19 ޖެހި 60 ދުވަސް ހަމަނުވާ މީހުންނަށް ކަރަންޓީން ވުމަކާ ނުލާ ދަތުރުކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި އެމީހުން ނެގެޓިވް ނަތީޖާއެއް ހުށަހަޅާކަށް ވެސް ނުޖެހެއެވެ.
މިވަގުތު މާލޭގެ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު ކޭސްތަކުގެ އަދަދު 50ން ދަށުގަ އުޅޭތާ މިހާރު ވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!