ނަސާރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެއަށް ފޮނުވަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ޕޯސްޓުގެ ޒަރިއްޔާއިން ފޮނުވާ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ ތެރެއިން ފާހަގަވެފައިވާގޮތުގައި އެ ލިޔެކިޔުންތައް ފޮނުވާފައި ހުންނަނީ ސިޓީ އުރައަށް ލައި ބަންދުކޮށް އެކި މުއައްސަސާތަކާއި، ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ ފަރާތްތަކަށް އެޑްރެސްކޮށްފައި ކަމަށް ބުނެއެވެ.

Ad
rt

އެކަމަކު ކަސްޓަމްސް އިން ކުރި ތަހުގީގުން އެއީ އެ އެޑްރެސްތަކުގެ ވެރިންނަށްވެސް އަދި އެކަމާ ގުޅުން ހުރި ބަޔަކަށް އެނގިގެން ކުރާ ކަމެއް ނޫންކަން ފާހަގަވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަކެތި ރާއްޖެއަށް އެތެރެވެ ނުދީ ކަސްޓަމްސް އިން ހިފަހައްޓަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައިވާ މީހުން ހޯދައި އެކަން ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ލިޔެކިޔުންތައް އިޝްތިހާރުކުރުމާއި، ދިވެހިންނަށް ދެއްކުމުގެ އިތުރަށް އާންމުކޮށް މީހުންނަށް ދެއްކުމާއި، އާންމުކޮށް ފެންނަހެން ގެންގުޅުމަކީ މަނާ ކަންކަމެވެ.

އަދި ދިވެހި ރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނުގައި ބުނާގޮތުން ވެސް އެފަދަ ތަކެތި ހުންނަ ލިޔުންތަކާއި ޓޭޕް ޑިސްކު ފަދަ ތަކެތި އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.