ވެރިކަން ވެސް ބޭނުންފުޅު ކަމަށާއި ބޮޑުވަޒީރުކަން ވެސް ބޭނުންފުޅު ކަމަށް ވިދާޅުވެ ނިޒާމު ބަދަލުކުރުމަށް ރައީސް ޔާމީނާއި އެކު މަސައްކަތްކުރައްވާނެ ކަމަށާއި އެކަމަށް ރައީސް ޔާމީން އެހީތެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޑރ. މުހައްމަދު އިޔާޒު އާއި ޝައިހު އަލީ ޒައިދު އެކަމާ މެދު ކަންބޮޑުވުންފާޅުކޮށްފިއެވެ.
ކްލަބް ހައުސް މެދުވެރިކޮށް ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި ރައީސް ނަޝީދު ދެއްކެވި ވާހަފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ފާޑުކިޔުމެއް އަމާޒުވެފައިވާއިރު ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ނިންމުމެއް ކަމަށް އިލްމުވެރިން ބުނެއެވެ.
އެކަމާ ގުޅިގެން މަޝްހޫރު އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ނޫނެކޭ ބުނެފައިވާ މާޒީއެއް އިޔާދަކުރަން އުޅެގެން ގައުމަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނާއި އެކު ކޯލިޝަން ހައްދަވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ވިދާޅުވީ ރައީސް ޔާމީންއާއި އެކު ކޯލިޝަން ހައްދަވާ ވާހަކަ އެމްޑީޕީގެ ރައީސް ނަޝީދު ދެއްކެވުމުން އެމަނިކުފާނަށް ވެވަޑައިގެންފައިވާ ގޮތާއި، މިސްރާބު އެމްޑީޕީގެ މެމްބަރުން ވިސްނާލުން މިހިންމު ކަމަށެވެ.
ހަމަ މި މައްސަލާގައި ޝައިހު އަލީ ޒައިދު ވިދާޅުވީ ވެރިކަމަށް ފައިނަގަންވާނީ ކުފޫ ހަމަވާ ބަޔަކު ކަމަށެވެ. ކުރީ ދައުރުގައި ރާއްޖެ ވެއްޓުނު އަނދަވަޅު ފެނިއްޖެ ކަމަށާއި، އަނެއްކާ އެ މަންޒަރު ބަލަން ދިވެހިން ބޭނުން ނުވާ ކަމަށެވެ. ހަމަނުޖެހުމާއި ފަސާދަ ފަދަ ނުބައިކަންކަމަށް ދެން ތާއިދު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ބަރުލަމާނީ ނިޒާމަކަށް ބަންދުކޮށް، ބޮޑުވަޒީރުކަން ބޭނުންފުޅުވާ ވާހަކަ ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. އެކަމަކު އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާބޮޑު ސަމާލުކަމެއް ދެއްވާފައެއް ނުވެއެވެ.
ރައީސް ނަޝީދު އެވާހަކަ ތަކުރާރުކުރައްވަމުންގެންދަވާއިރު އާސްކް ސްޕީކާގައި އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރައީސް ސޯލިހު އެކަމުގައި ފާޅުގައި ދެކޮޅު ހައްދަވާފައި ނުވާކަމަށެވެ. އަދި ދެން އޮތް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާނީ އެމަނިކުފާނު ކަމަށާއި، އެކަމަކު އިންތިހާބެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން އެމަނިކުފާނާއި އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގައި މަސައްކަތްކުރައްވާނެކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރުގައި ޕީޕީއެމް އާއި އެމްޑީޕީ އެކުގައި ތިބެގެން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!