ބ. ކަމަދޫ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއަށްބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތްކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބަހައްޓާނެއެވެ.
މީގެ އިތުރުން ފެން އެ ރަށުގެ ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެއެވެ.
ކަމަދޫ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެއެވެ. އަދި ގެތަކުގައި ޖަންގްޝަން ބަހައްޓައިދީ ނަރުދަމާ ނިޒާމު ވެސްގުޅުވައިދޭނެއެވެ.
އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާރ ސެޓާއި ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީންފޯރުކޮށްދޭނެއެވެ.
މިއީ 56.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!