ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި މިއަދު ހެނދުނު ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މިނިންމުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު އޭނާގެ އަމިއްލަ ބްލޮގުގައި އާންމު ކުރެއްވި އޯޑިއޯ ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގާޒީ ހަސަން ސައީދު އެ އަމުރު ނެރެ ނުދެއްވީ، ޕާސްޕޯޓް ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އެނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރަށްވާނެ ކަމަށް ވެސް ޕީޖީ ސަމީމް ވަނީ ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާޠިލުކުރުމަށް 9 ފެބްރުވަރީ 2021 ވަނީ އަމުރެއް ނެރެފައެވެ.
އެ އަމުރު ނެރުނީ އަލީ ވަހީދު ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.
ބޭރަށް ފުރުމުގެ ހުއްދަ ލިބުމާއެކު އޭނާ ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ފުރާވަޑައިގެންފައެވެ. އޭނާ ބޭސްފަރުވާއަށް ދިން މުއްދަތުގައި އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެވެ.
ޖާމިނުވުމަށް އަސްހަދު ސޮއި ކުރެއްވި އިގުރާރުގައި ވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އަނބުރާ ރާއްޖެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް ހަތަރު މަސް ހަމަވިއިރު ވެސް އަލީ ވަހީދު ވަޑައެއް ނުގަންނަވަ އެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދުގެ އެދިވަޑައިގަތީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވުމަށެވެ. އެފުރުޞަތުދޭން ކްރިމިނަލް ކޯޓުން ނިންމުން ޕީޖީ އޮފީހުން ވަނީ އެ ނިންމުން އިސްތިއުނާފަށް ހުށަހަޅާފައެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމަވާފައިވާއިރު، އެ މައްސަލަ ޕީޖީ އޮފީހުން ވަނީ މިދިޔަމަހު 25 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!