ކޯވިޑްވައިރަހުގެ ޑެލްޓާ ވޭރިއެންޓްއަކީ ވަރަށް ނުރައްކާތެރި ވައިރަހެއް ކަމަށާއި، ކޯވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ގޮވާލައިފިއެވެ.
ޖެނީވާގައި ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓް ވެފައި ވަނީ، ބައެއް ގައުމުތަކުގައި އެންމެ ގިނަމީހުންނަށް ބަލިޖައްސާ ވޭރިއެންޓަށް ކަމަށެވެ.
އެހެންކަމުން، މި ވޭރިއެންޓުގެ ސަބަބުން ބަލި ފެތުރުން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ.
މިގޮތުން ކޯވިޑް ބަލިން ދިފާއުވުމަށް ވެކްސިން ޖެހުން އިތުރުކޮށް، އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށް ހަރުދަނާ ކުރުމަށްވެސް ޑރ. ޓެޑްރޯސް ގައުމުތަކުގެ ވެރިންނަށް ގޮވާލެއްވިއެވެ.
ޑރ. ޓެޑްރޯސް ވިދާޅުވިގޮތުގައި، ދުނިޔެ މިހާރު ތަޖުރިބާ ކުރަމުން މިދަނީ ކޯވިޑްބަލިމަޑުކަމުގެ ވަރަށް ނުރއްކާތެރި ދުވަސްތަކެއް ކަމަށެވެ.
ޑެލްޓާ ވޭރިއެންޓް މިހާތަނަށް ގާތްގަނޑަކަށް 98 ގައުމަކުން ފެނިއްޖެ.
ޑެލްޓާ ވޭރިއެންޓުގެ ނުރައްކާ ފާހަގަކުރަށްވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓް މިހާތަނަށް ގާތްގަނޑަކަށް 98 ގައުމަކުން ފެނިފައިވާ ކަމަށެވެ. އަދި މި ވޭރިއެންޓް ދަނީ ވެކްސިން މަދުން ޖަހާފައިވާ ގައުމުތަކާއި، ގިނައިން ޖަހާފައިވާ ގައުމުތަކުގައިވެސް ފެތުރެމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވޭރިއެންޓު އަދިވެސް ދަނީ މިއުޓޭޓްވެ ބަދަލުވަމުން ކަމަށާއި، މިސަބަބަށްޓަަކައި ވެސް، ހާލަތު ބަލައި ފަރުވާތެރިކަމާއެކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ގައުމުތަކުން އެޅުން މުހިންމުކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
ދުނިޔޭގެ އާބާދީގެ 183 މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ވަނީ ކޯވިޑް ބަލި ޖެހިފައެވެ. 3 މިލިއަނަށްވުރެ ގިނަ މީހުން މިބަލީގައި މިހާތަނަށް މިދުނިޔެ ދޫކޮށްފައިވާއިރު، އަދި ވެސް މިބަލީގެ ނުރައްކާ އެންމެ ބޮޑު ތިން ގައުމުގެ ގޮތުގައި އޮތީ އެމެރިކާއާއި، އަވަށްޓެރި އިންޑިއާއާއި އަދި ބްރެޒިލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!