ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މީގެކުރިން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އޮތީ މިއަދަށް ހަމަވާ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.

Ad
rt

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި އަދި ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ކޯވިޑްއަށް ޕޮޒިޓީވްވާ މީހުން ލޮކްޑައުންއާއިއެކު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު އިއްޔެ މާލެއިން އިއްޔެ ޕޮޒިޓިވްވެފައިވަނީ 26 މީހުންނެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 26 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 104 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން ޕޮޒިޓިވްވި ފަސް މީހެއް ކަމަށެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 74،074 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3359 ކަމަށްވާއިރު އޭގެތެރެއިން 23 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 70،490 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 213 މީހަކު ވަނީ ނިޔާވެފައެވެ.