ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެރެގުއޭއާއި ޕެރޫ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޕެރޫ ޖާގަ ހޯދައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނިކުތުމުން، މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޕެރޫ މޮޅުވެފައި ވަނީ 4-3 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޕެރެގުއޭއިންނެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގުސްޓާވޯ ގޮމޭޒްއެވެ. ޕެރޫއިން ވަނީ 21 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި ލަނޑު އަންދްރޭ ކަރިއްލޯގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައި ވަނީ ލަޕަޑޫލާއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޕެރޫއިން ވަނީ ލަނޑުޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ލަޕަޑޫލާއެވެ. ފުރަތަމަ ހާފު ނިމުގެން ގޮސްފައި ވަނީ 2-1 އިން ޕެރޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ޕެރަގުއޭއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޖޫނިއޯ އެލަންސޯއެވެ. ޕެރޫއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 80 ވަނަ މިނެޓުގައި ޔޮޝިމާ ޔޯޓޫން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ލަނޑާއިއެކު ޕެރޫއިން މެޗު ކާމިޔާބު ކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ޕެރަގުއޭއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ގެބްރިއަލް އަވާލޮސްއެވެ.
މި މެޗުން ބަލިވުމުން ޕެރަގުއޭ މުބާރާތުން ކަޓާފައުވާއިރު، މުބާރާތުގެ ސެމީ ފައިނަލުގައި ޕެރޫ ބައްދަލު ކުރަންޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!