ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ކަޓުވާލުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުން އިޓަލީ މޮޅުވެފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއިއެކު ސެމީގައި އިޓަލީ ވާދަކުރަން ޖެހޭނީ ކުއާޓާގައި ސްވިޒަލޭންޑް ބަލިކޮށް ސެމީގެ ޖާގަ ހޯދި ސްޕެއިންއާއެވެ.
ޖަރުމަނުގެ ބަޔާން މިޔުނިކްގެ އެލިއެންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު އިޓަލީން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމުގައެވެ.
މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ބަރެއްލާ ކާމިޔާބު ކޮށްދިންއިރު، އެ ޓީމުން ލީޑު އިތުރަށް ފުޅާ ކޮށްފައި ވަނީ 44 ވަނަ މިނެޓުގައި އިންސީނޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބެލްޖިއަމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް ހާފް ނިމުމުގެ ކުރިން ބެލްޖިއަމަށް ސުން ކަނޑުވާލަ ދީފައި ވަނީ ލުކާކޫއެވެ.
މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް އެ ޓީމްގެ ފޯވާޑް ލުކާކޫއަށް ލިބުނު ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ހިފިފައި ނުވެއެވެ.
މި މުބާރާތުގެ ކުއާޓާގެ ފައިނަލުގެ ދެ މެޗު ހޮނިހިރު ދުވަހުގެ ރޭ އޮންނާނެއެވެ. 21:00 ގައި ބައްދަލު ކުރާނީ ޗެކްރިޕަބްލިކާއި ޑެންމާކެވެ. ދެވަނަ މެޗުގައި 00:00 ގައި ބައްދަލުކުރާނީ ޔުކްރެއިން އާއި އިންގްލެންޑެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!