ދީނީ ޢިއްމްވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބުދުއްލަތީފްއަކީ ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލެއްކަމަށާއި، އޭނާއާއިމެދު އަޅާފައި ވަނީ ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއްކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައެވެ.

Ad
rt

އެކަމާއިގުޅިގެން އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްއެންޔޫއިން ޑރ. އިޔާޟުއާއިމެދު އެޅި ފިޔަވަޅަކީ، އެފަދަ މަޤާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

އެޕާޓީން ބުނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް އެފަދަ ސަބަބެއްވެސް އަދި ޙާލަތެއްވެސް ނެތި މިފަދަ ފިޔަވަޅުތައް ދީނީ ޢިލްމުވެރިންނާމެދު އެޅުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ޑރ. އިޔާޟު ވަކިކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ޙާލު އެނިންމުން ބާޠިލުކޮށް އެމަނިކުފާނު ކުރިން ހުންނެވި މަޤާމަށް އަނބުރާ އިޢާދަކުރުމަށް ގޮވާލަމެވެ." އަދާލަތު ޕާޓީން ބުނެފައި ވެއެވެ.

އެ ޕާޓީން އިތުރަށް ބުނީ، އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ކަމަށާއި، މި ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ ޢިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށެވެ.

އަދި އިސްލާމީ ޝަރީޢަތުގެ ފަރުޢީ ބައެއް މައްސަލަތަކާ ގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އެބަހުސްތަކަކީ ޙައްޤަށް ވާސިލުވުމަށްޓަކައި ކޮންމެހެން ލާޒިމު މަރުހަލާއަކަށް ވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، މިފަދަ ޢިލްމީ ބަހުސްތަކާ ގުޅޭ ޙަޤީޤަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ ޢިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫންކަމަށް އަދާލާތުން ބުނެފައިވެއެވެ.

"އެއީ އެރައުޔަކީ ޙައްޤު ގޮތް ނުވަތަ ޙައްޤު ގޮތާ އެންމެ ގާތްގޮތް ކަމަށް ދައްކުވައިދޭ ކަމެއްވެސް ނޫނެވެ. އެހެނެއްކަމަކު އެކަމަކީ އިސްވެދެންނެވުނު ފަދައިން އިސްލާމްދީނުގެ ޢިލްމީ ޙަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެކެވެ." - އަދާލަތު ޕާޓީ -

މިއިން ޒަމާނަކުވެސް ދިވެހިރާއްޖެ ހުޅުވާލެވިފައި ނުވާ މިންވަރަށް ހުޅުވާލެވި، މިނިވަންކަމާއެކު ފިކުރުކޮށް އެމީހެއްގެ ބުއްދިއަށް ފެންނަގޮތާއި ޚިޔާލުތައް އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތަށް ދުލާއި ޤަލަމުން ފާޅުކުރުމަކީ އަސާސީ ޙައްޤެއް މަށް ކަނޑައަޅާފައިވާ ޒަމާނެއްގައި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާއިން، ޢިލްމުވެރިން ދައްކަވާ ޢިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ވެސް އެ ޕާޓީން އާންމުކުރި ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

"މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިސްލާމީ ޝަރީޢަތުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ކުރެވޭ ޢިލްމީ ބަހުސްތަކާއި މުނާޡަރާތަކަށް އޮންނަންޖެހޭ ތަނަވަސް ޖާގަ ގެއްލިގެން ހިނގައިދާނެއެވެ." - އަދާލަތު ޕާޓީ -

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ދެކޭގޮތުގައި، ޑރ. އިޔާޟުއާއިމެދު ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހިންގޭ ޢުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ވެސް އެ ޕާޓީން ބުނެފަވެއެވެ.

މި ކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރުކަމަށާއި، އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާމެދު ޑރ. އިޔާޟު ފާޅުކުރެއްވި ޝުޢޫރެއް ނޫން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ޑރ. އިޔާޟު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ.

ޑރ. އިޔާޟުއަކީ، އަދާލަތު ޕާޓީގެ ވެސް ވަރަށް އިސް ޢިލްމްވެރިއެކެވެ. އަދި ޕާޓީގެ ކަންކަމުގައި ހަރަކާތްތެރި ބޭފުޅެކެވެ. އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ބައިވެރިއެކެވެ.