މަސްހިފާ އުސޫލުން ދާޖަހައިގެން ދިވެހި ރައްޔިތުން ހިފާ ހައްޔަރުކުރުމުގެ ފަލްސަފާއަށް މިހާރު ރާއްޖޭގެ ވިސްނުން ދާތަން ފެންނަމުންދާ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ވަގުތާއި ހާލަތާއި ގުޅިގެން މެންބަރުން އެ ބިލާމެދު ގޮތް ނިންމުމަކީ ރަނގަޅުގޮތް ކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.

Ad
rt

ދުވަސްވަރަކީ ޓެރަރިޒަމްގެ އަމަލުތަކާއި ވިސްނުމާއި ފިކުރު އިތުރުވަމުން އައިސް، ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައި އޮތް ދުވަސް ވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލުގައި ކަންބޮޑުވާ ބައެއް ކަންކަން ހުރިނަމަވެސް، ބިލު ގާނޫނަކަށް ވުމުން ލިބޭ ބާރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އަނިޔާވެރިގޮތެއްގައި މީހުން ހިފާ ހައްޔަރުނުކުރާނެކަން ޔަގީން ކުރަށްވާ ކަމަށް ސައުދު ވިދާޅުވިއެވެ.

ރައީސް ޞާލިހަކީ ހިތްތިރި މަޑުމައިތިރި ބޭފުޅެއް ކަމަށާއި، ކަންކަން ކުރަށްވާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ޔަގީންކަން ދެއްވިކަމަށް ސައުދު ވިދާޅުވިއެވެ.

"މަސްހިފާ އުސޫލުން ދާޖަހައިގެން ދިވެހި ރައްޔިތުން ހިފާ ހައްޔަރުކުރުމުގެ ފަލްސަފާއަށް މިހާރު ރާއްޖޭގެ ވިސްނުން ދާތަން އެބަފެނޭ، މިއީ ވަރަށް ކަންބޮޑުވާ ކަމެއް، އަދި އެ ފަލްސަފާ އެގޮތަށް ވިސްނުން އިތުރުވަމުންދާ ވަގުތެއްގައި މިފަދަ ބިލެއް މަޖިލީހަށް އައިސް ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކުރެވޭ ގޮތަށް ހެދޭއިރު، ރާއްޖޭގެ ތާރީޚުގައި ޓެރަރިޒަމްގެ ގާނޫނަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ގާނޫނެއް، އަސްލު ޓެރަރިސްޓުން ފަހަތުން ދާ ގާނޫނެއް ނޫންމީ" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު ރާއްޖެގައި ދަނީ، އެ ވަގުތަކު ވެރިކަމުގައި ތިބޭ ފަރާތްތަކުން ހިތްހަމަނުޖެހޭ، ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހުންގެ ފަހަތުން ކަމަށެވެ.

"ޓެރަރިޒަމް ގާނޫނު އައްޑަނައަކަށް ނަގައިގެން އެފަދަ ފަރާތްތަކަށް ހަމަލާދެނީ. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުން. ކޮބައިތޯ، ކޮން ޔަގީންކަމެއްތޯ ދައުލަތުން ރައްޔިތުންނަށް ދޭނީ، މި ގާނޫނުގެ ބޭނުންހިފޭނީ އެންމެ ރަނގަޅު ގޮތުގައި ޓެރަރިސްޓުންނާ ދެކޮޅަށްތޯ؟ މިއީ މިއަދުގެ ސުވާލަކީ." ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މެދުގައި މި ސުވާލަށް އިތުބާރުކުރެވޭ މިންވަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިތުބާރުނުހިފޭ ހާލަތެއްގައި، މިފަދަ ގާނޫނެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދޫކޮށްލުމަކީ ވަރަށް ބޮޑު ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޓެރަރިސްޓުން ހިސޯރުކޮށް، ޓެރަރިސްޓުން ހިފައި ހައްޔަރުކުރުމަށް ޓަކައި ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް، ޓެކްނޮލޮޖީ ފޯރުކޮށްދީގެން ފުލުހުން ބޭނުންވާ ހުރިހާ އެހެނިހެން ކަންކަން ކޮށްދިނުމަކީ މި ވަގުތު ދައުލަތުން ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއްކަމަށް ސައުދު ވިދާޅުވިއެވެ.

މިބިލުގައި ބުނާ ބާރުތައް ދޭއިރު މިއަދު ވެރިކަމުގައި ރައީސް ޞާލިޙް ހުންނެވީތީ، އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.