މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ހޯދުމަށް މިއަދު މަޖިލީހުން ނެގި ވޯޓުން ރުހުން ލިބިފައިވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިއަދު ނެގި ވޯޓުގައި ރުހުން ދެއްވާފައިވަނީ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓުންނެވެ.

Ad
rt

ފިޝަރީޒް މިނިސްޓްރ ޑރ. ޙުސެއިން އާއި މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރުކަމަށް އައިމިނަތު ޝައުނާ އަށް ރުހުން ހޯދުމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށައެޅި ނަމަވެސް ފިޝަރީޒް މިނިސްޓަރަށް ރުހުންދިނުން ކޮމިޓީން ފަސްކުރިއެވެ. އެގޮތަށް ފަސްކުރީ އަމިއްލަ ކުންފުންޏެއްގައި މިނިސްޓަރ ޙުސައިންގެ ހިއްސާ އޮތުމުންނެވެ.

އެހެންކަމުން ދައުލަތުގެ ބަންޑާރަނާއިބުގެ ލަފައެއް ހޯއްދެވުމަށްފަހު އަމިއްލަ ކުންފުންޏެއްގައި އޮތީ މިނިސްޓަރ ޑރ.ޙުސައިންއަށް އާމްދަނީ ލިބޭ ހިއްސާއަކަށް ނުވާތީ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދެއްވާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ ޑރ.ޙުސައިން ރަޝީދުވަނީ ފަހުން އެކުންފުނީގެ ހިއްސާ ދޫކޮށްލައްވާފައެވެ.

ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވެލައްވަންދެން ޑރ ހުސައިން ދިޔައީ އެންވާރަމެންޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުންނެވެ. ޑރ. ހުސައިން އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ކުރީގެ މިނިސްޓަރު ޒަހާ ވަހީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.