ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ 65% އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
އިއްޔެ ޕީޖީ އޮފީހުން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ ބޮޑު ބަޔަކީ ޑްރަގާ ގުޅުންހުރި މައްސަލަތައް ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ދުވަހާއި ގުޅިގެން އިއްޔެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އާއްމުކުރި މައުލޫމާތު ހިއްސާކުރައްވާ ޝަމީމް ވިދާޅުވީ މީހެއްގެ އަތުން މަސްތުވާތަކެތި ފެނިގެން ދައުވާކުރަން ފޮނުވާފައިވާ 46 ޕަސެންޓް މައްސަލައަށް އެހެން ހައްލެއް ހޯދައިދެވިއްޖެ ނަމަ ސިސްޓަމަށް ވެސް ފައިދާކުރާނެ ކަމަށެވެ.
"މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހާއްސަ ސަމާލުކަމެއް ދެވޭނެ"
ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ރިޔާއަތްކޮށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ މަޢުލޫމާތުރަކަށް ބަލާއިރު ޑްރަގާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގެ 46 ޕަސެންޓަކީ މީހުންގެ އަތުން މަސްތުވާތަކެތި ފެނިގެން ދައުވާކުރަން ފޮނުވާފައިވާ މައްސަލަތަކެވެ. އެފަދަ ބާވަތްތަކުން ވިޔަފާރިކޮށްގެން 26 ޕަސެންޓް މައްސަލަ ހުށައަޅާފައިވާއިރު އެ އެއްޗެހި ބޭނުންކޮށްގެން 14 ޕަސެންޓް މައްސަލަވަނީ ހުށައަޅާފަ އެވެ. އަދި މަސްތުވާތަކެތި އެތެރެކޮށްގެން 10 ޕަސެންޓް މައްސަލަ އަދި އެހެނިހެން ދައުވާކުރަން ހަތަރު ޕަސެންޓް މައްސަލަ ފޮނުވި އެވެ.
Drug Abuse also contributes to over 65% of case load at @PGO_MV. The system will benefit greatly if we can find an efficient way to deal with the 46% of possession matters, while Criminal Justice interventions are focused on the 36% of sale/import. https://t.co/ALBvq50rHx
— Hussain Shameem (@HuShameem) June 26, 2021
ފުލުހުންނަށް މިދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅޭ 1،425 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެތަނުން 1،219 މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށްގެންގޮސްފައި ވެ އެވެ. އޭގެ ތެރެއިން 98 ޕަސެންޓަކީ ފިރިހެނުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 482 މައްސަލަ އެވެ. 943 މައްސަލައަކީ އަތޮޅުތެރެއިން ރިޕޯޓްކޮށްފައިވާ މައްސަލައެވެ.
އެ މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 2 ޕަސެންޓަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. އަދި 18-34 އަހަރާ ދެމެދުގެ 70 ޕަސެންޓް އަދި 35 އަހަރުން މަތީގެ 28 ޕަސެންޓް މީހުން ހިމެނެ އެވެ.
ސްޓެޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ މަޢުލޫމާތައް ބަލާއިރު މަސްތުވާތަކެއްޗާ ގުޅޭގޮތުން ފާއިތުވި 5 އަހަރު 12،000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2،000 މައްސަލަ އެވެ.
2019 ވަނަ އަހަރު 408 ކިލޯގެ މަސްތުވާތަކެތި ފުލުހުންވަނީ އަތުލައިގަނެފަ އެވެ. އޭގެ ތެރޭގައި 54 ޕަސެންޓަކީ ހެރޮއިން އަދި 36 ޕަސެންޓަކީ ކެނަބިސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!