ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގައި ވޭލްސްއާއި ޑެންމާކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެމްސްޓެޑަމްގެ ޖޯން ކުރައިފް އެރީނާގައި ކުޅުނު މި މެޗު ޑެންމާކުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ފުރަތަމަ ހާފުގެ ބޮޑުބައިގައި މޮޅަށް ކުޅެފައިވަނީ ޑެންމާކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދާފައި ވަނީ ވޭލްސްއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޑެންމާކްގެ އޭރިއާމަތީ ހުސްކޮށްހުރެ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ފޮނުވާލި ބާރު ހަމަލާ ގޮސްފައި ވަނީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ޑެންމާކުންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ޑެމްސްގާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކެސްޕަރ ޑޮލްބާގެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ވޭލްސްގެ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފެށިތާ ތިން މިނެޓުގެ ތެރޭ ޑެންމާކުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ޑޮލްބާގެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ޑެންމާކް ފެނިގެން ގޮސްފައި ވަނީ ވަރަށް ވަރުގަދަ ކޮށެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޔެންސެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯކިމް މީހެލްއެވެ.

މެޗުގެ ފަހު މިނޓުގައި ވޭލްސްގެ ހެރީ ވިލްސަންއަށް ރަތްކާޑު ދެއްކުމާއިއެކު އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މި މެޗުގައި ޑެންމާކަށް ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މާޓިން ބްރެތުވައިޓެވެ. މުޅި މެޗުގައި ވެސް ވޭލްސްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އާދައިގެ ކުޅުމެކެވެ.

މި ބައްޔާއިއެކު ވޭލްސް މުބާރާތުން ކަޓާފައިވާއިރު މި ޑެންމާކް ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ނެދެލެންޑްސް އާއި ޗެކްރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގައި މިރޭ 0000 ގައި ބައްދަލު ކުރާނީ އިޓަލީއާއި އޮސްޓްރިއާއެވެ.