އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް މަރާލި ފުލުސް އޮފިސަރު، ޑެރެކް ޝޯވިން 22 އަހަރާ 6 މަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ފްލޮއިޑް 46، މަރާލީ މެއި 25، 2020 ގައެވެ. އޭނާ މަރާލީ ކަޅު ނަސްލުގެ މީހަކަށްވާތީކަމަށް ބުނެ އިންސާފު ހޯދުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަނީ އަޑުއުފުލައިފައެވެ.
ފްލޮއިޑް މަރުވީ ފަހަތަށް ބިޑިއަޅުވައި ބިންމައްޗަށް ވައްޓާލައި އޭނާގެ ކަރަށް ކަކުލުން އެރުމުގެ ސަބަބުން ނޭވާ ނުލެވިއެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި ފްލޮއިޑް އޭނާގެ ފުރާނައަށް އެދި އާދޭސް ކުރާ މަންޒަރު ފެނެއެވެ. ނަމަވެސް ޝޯވިން ކަކޫ ނުނަގައި ނުވަ މިނެޓް ވަންދެން ހިފެހެއްޓުމުން ނޭވާހާސް ވެގެން އޭނާމަރުވީއެވެ.
ޝޯވިންއަށް ހުކުމް ކުރަމުން ފަނޑިޔާރު ޕީޓާ ކޭހެލް ވިދާޅުވި ގޮތުގައި ޑެރެކް ވަނީ އަދުލުވެރި މަގާމެއްގެ ބާރުވެރިކަން ނަހަމަ ގޮތުގައި ހިފައިފައެވެ. އަދި ތަންފީޒީއިދާރާއެއްގެ އަގުވައްޓާލާފައެވެ.
ޝޯވިންގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ވަނީ ސާބިތުވެފައެވެ. އެއީ ކުރިއާލައި ރޭވުމެއް ނެތި އެކަމަކު ގަސްދުގައި މީހަކު މެރުމާއި މީހަކު މަރާލުމުގެ ވިސްނުމެއް ނެތިމާބޮޑަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މީހަކު މަރުވުން އަދި މީހަކު މަރަން ގަސްދު ނުކޮށް އަދި ކުރިއާލައި ރާވާފައި ނެތް ހާލަތެއްގައި މީހަކު މަރުވުމުގެ ދައުވާއެވެ.
ޝޯވިންއަށް އިއްވާފައިވާ ހުކުމުގައި މިހާތަށް އޭނާ ބަންދުގައި ހޭދަކުރި 199 ދުވަސްތައް ވަނީ އުނި ކޮށްފައެވެ. އޭނާ ކޯޓް ތެރޭގައި ބުނީ ފްލޮއިޑް މަރުވުމުން ހިތާމަކުރާކަމަށެވެ. އެކަމަކު އޭނާ އެކުށަށް މާފަކަށް ނޭދެއެވެ.
ފްލޮއިޑް އާއިލާއިން ބުނީ ދޮން ނަސްލުގެ މީހެއްގެ މައްޗަށް ކަޅު ނަސްލުގެ މީހަކަށް ކޯޓުން ހައްގު ހޯދައިދީފި ކަމަށެވެ. އަދި މިއީ ކަޅު ނަސްލުގެ މީހުންނަށް އެމެރިކާގައި އިންސާފު ލިބޭނެ ކަމުގެ އަލިމަގެއް ކަމަށްވެސް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
ދޮން ނަސްލުގެ ފުލުހުން ބާރުގެ ބޭނުން ހިފައި ކަޅު ނަސްލުގެ މީހުންނަށް އަނިޔާކޮށް މަރާލާ މައްސަލައަކީ އެމެރިކާގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމާ ދެކޮޅަށް “ބްލެކް ލައިވް މެޓާސް” ގެ ނަމުގައި މޫވްމަންޓެއްވެސް ވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!