ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ބްރެޒިލްއާއި ކޮލަމްބިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފިއެވެ.

ބްރެޒިލުން މި މެޗު ކާމިޔާބު ކޮށްފައިވަނީ ކޮލަމްބިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރައި ދެ ލަނޑު ޖަހައިގެނެވެ.

Ad
rt

މުޅި މެޗުގައި ވެސް ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް ކޮލަމްބިއާގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ކޮލަމްބިއާއިންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކުއަޑާޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުއިސް ޑިއާޒެވެ.

ބްރެޒިލަށް މި މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފިރްމީނޯއެވެ. މި ލަނޑު 78 ވަނަ މިނެޓުގައި ފިރްމީނޯ ކާމިޔާބު ކޮށްދީފައި ވަނީ ލޮޑީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މި ފުރުޞަތު ތަނަވަސް ވުމުގެ ކުޑަކުޑަ އިރުކޮޅެއް ކުރިން ނޭމާ ކުރި ޕާހެއް ރެފްރީގެ ގައިގައި ޖެހިފައި ބްރެޒިލް ކުޅުންތެރިންނަށް ލިބުމާއި ގުޅިގެން މެޗުގެ ރެފްރީ ކުޅުން ހުއްޓާނުލައި ކުރިއަށް ގެންދިއުމާއިއެކު ބްރެޒިލްއަށް ލަނޑުޖަހަން އެ ފުރުޞަތު ތަނަވަސް ވުމުގައި ރެފްރީގެ ގައިގައި ޖެހި ބޯޅައިގެ މިސްރާބު ބަދަލުވުން ވާކަމަށް ބުނެ އަދި ކުޅުން ހުއްޓައި ނުލުމުގެ ސަބަބުން ކޮލަމްބިއާގެ ކުޅުންތެރިން ވަނީ އެ ލަނޑާއި ގުޅިގެން ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. މި ޝަކުވާތަކާއި ގުޅިގެން ވީއޭއާރުން އިތުރަށް ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުގެ ގައި ބްރެޒިލުން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތިރި ވަގުތުގެ ދިހަ މިނެޓުގެ ވެސް ފަހު ވަގުތު ނޭމާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ކަސެމީރޯއެވެ.

މި ގްރޫޕުގައި ބުދަ ދުވަހުގެ ރޭ އިކުއެޑޯއާއި ޕެރޫ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ގްރޫޕް ބީގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއިއެކު އޮތީ ބްރެޒިލްއެވެ. ދެވަނާގައި ކޮލްމްބިއާ އޮތީ ހަތަރު ޕޮއިންޓާއި އެކުއެވެ. ތިންވަނާގައި އޮތް ޕެރޫއަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަތަރުވަނާގައި އިކުއެޑޯ ދެޕޮއިންޓާއިއެކު އޮތްއިރު، ޕޮއިންޓް ތާވަލުގެ އެންމެ ފަހަތުގައި ވެނެޒުއޭލާ ވެސް އޮތީ ދެ ޕޮއިންޓާއިއެކުއެވެ.