ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ބުދަ ދުވަހުގެ ރޭ ސްޕެއިންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ދެވަނަ ބުރުގެ ފުރުޞަތު ސްޕެއިނުން ހޯދިއިރު، ޕޮލެންޑް ބަލިކޮށް ގްރޫޕް އީގެ އެއްވަނަ ޓީމްގެ ގޮތުގައި ސްވިޑަން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ސްޕެއިންގެ ލަ ކަރުތޫޒާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ސްލޮވާކިއާގެ މައްޗަށް ކުރި ހޯދާފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މުބާރާތުގައި ސްޕެއިން ފުރަތަމަ ކުޅުނު ދެ މެޗު އެއްވަރު ވެފައިވުމުން، މި މެޗަށް ނުކުތްއިރު އެ ޓީމަށް ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރުމަށް މޮޅުވުން އޮތީ މަޖުބޫރު ވެފައެވެ. ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުން ވަނީ ސްލޮވާކިއާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ސްޕެއިންއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ސްޕެއިންގެ ފޯވާޑް މޮރާޓާ ފޮނުވާލިއިރު ސްލޮވާކިއާގެ ކީޕަރު ވަނީ ޕެނަލްޓީ މަތަކޮށްފައެވެ.
މި މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗުގެ 30 ވަނަ މިނެޓުގައި ސްލޮވާކިއާގެ ކީޕަރު އަތުން ބައިކޮޅަށް ވަދެފައޮވާ ލަނޑެކެވެ. ސްޕެއިނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. މި ލަނޑަކީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި މޮރޭނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަޕޯޓާ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.
މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ތިންވަނަ ލަނޑު 56 ވަނަ މިނެޓުގައި ޖޯޑީ އަލާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޕަބްލޯ ސަރާބިއާ ކާމިޔާބު ކޮށްދިންއިރު، ސްޕެއިނުން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު 67 ވަނަ މިނެޓުގައި ސަރާބިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސްއެވެ. ފަސްވަނަ ލަނޑަކީ 71 ވަނަ މިނެޓުގައި ސްލޮވާކިއާގެ ޖުރާޒް ކުޗްކާއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި ގްރޫޕުގައި ސްވިޑަންއާއި ޕޮލެންޑް ވާދަކުރި ފޯރިގަދަ މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ސްވިޑަންއެވެ.
ސްވިޑަންއިން ވަނީ މި މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ށްދިނީ އެމިލް ފޯސްބާގެވެ. ފުރަޔަމަ ހާފު މި ނަތީޖާއިން ނިމުނު ނަމަވެސް ސްވިޑަންއިން ވަނީ މެޗުގެ 59 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ފޯސްބާގެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޕޮލެންޑުގެ ތަރި ލެވަންޑޯސްކީ ވަނީ ލަނޑުޖަހައި ފަރަގު ކުޑަ ކޮށްފައެވެ. އަދި 84 ވަނަ މިނެޓުގައި ލެވަންޑޯސްކީ ކާމިޔާބުކުރި ލަނޑާއިއެކު މެޗުގެ ނަތީޖާ ހަމަހަމަވެ ޕޮލެންޑަށް އުންމީދެއް ލިބިގެންދިޔަ ނަމަވެސް މެޗުގެ ފަހު ވަގުތު ސްވިޑަންގެ ކްލާސަން ކާމިޔާބުކުރި ލަނޑުން ސްވިޑަން ވަނީ މެޗުން މޮޅުވެފައެވެ.
މި ނަތީޖާ ތަކާއިއެކު ހަތް ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނަ ލިބިގެން ގޮސްފައިވަނީ ސްވިޑަންއަށެވެ. ފަސްޕޮއިންޓާއިއެކު ދެވަނަ ސްޕެއިނަށް ލިބުންއިރު މި ދެ ޓީމަށް ވަނީ ދެވަނަ ބުރުން ފުރުޞަތު ލިބިފައެވެ. ތިން ޕޮއިންޓާއިއެކު ގްރޫޕުގެ ތިންވަނައަށް ދިޔަ ސްލޮވާކިއާއާއި މި ގްރޫޕްގެ ފުލަށްދިޔަ ޕޮލެންޑް ވަނީ މުބާރާތުން ކަޓާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!