ރޭ ދަންވަރު 2:38 ހާއިރު ހުޅުމާލެ ފޭސް 2 ގެ މޫދު ސަރަހައްދުން ފެނުނުނު، ރަހީނުކޮށް ރަހުމުކުޑަގޮތަކަށް މަރާލާފައިވާ 13 އަހަރުގެ ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ފޮޓޯތަކާއި މައުލޫމާތު މީޑިއާތަކުން އުނިކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފިއެވެ.

އެކައުންސިލުން މިހެން ވިދާޅުވީ، ކުޑަކުއްޖަކު މަރާލާފައި އޮއްވާ ފެނުމާ ގުޅިގެން، ރާއްޖޭގެ މީޑިއާތަކުގައި މިވަގުތު ފެތުރެމުންދާ އެކި ޚަބަރުތަކާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގަ އެވެ.

Ad
rt

މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ޤާނޫނު ނަންބަރު 2010/13 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)، (ނ)، (ރ) އަދި (ބ) އާއި ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނު) ގެ 33 ވަނަ މާއްދާއާއި ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު އަދި ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިން އާއި ޚިލާފަށް އެ ޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެގޮތުން ކުއްޖާގެ ފޮޓޯ އާއި ނަން އަދި ކުއްޖާއަކީ ކާކުކަން ދެނެގަނެވޭ ފަދަ ޒާތީ އެކި މަޢުލޫމާތު ބޭނުންކުރުމާއި ޞައްޙަ ނޫން މަޢުލޫމާތު ބޭނުންކުރުން ފަދަ ކަންކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފާވާކަމަށް ފާހަގަކުރަށްވާ އެމްއެމްސީއިން ވަނީ ޚަބަރު ގެނެސްދިނުމުގައި އެ ޤާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ގޮވާލައްވާފައެވެ.

"ކުއްޖާގެ ފޮޓޯއާއި ކާކުކަން އެނގޭނެފަދަ ހުރިހާ މަޢުލޫމާތެއް ޚަބަރުތަކުން ނެންގެވުމަށްވެސް މި ކައުންސިލުން އަންގަމެވެ. އަދި އެގޮތަށް އަމަލުނުކުރާ މީޑިއާތަކާއިމެދު ފިޔަވަޅުއަޅަމުން ދާނެ ވާހަކަވެސް ހަނދާންކޮށްދިނީމެވެ."

އެމްއެމްސީގެ ބަޔާނުގައި ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން، އެ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް އެމްއެމްސީ އިން ހާމަކުރިއެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކު ރަހީނު ކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އިތުރަށް މަސައްކަތްކޮށް ހޯދި ހޯދުމުން، އެ ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގެ އުތުރު ފަރާތުގެ މޫދުން ފޮށްޓަކަށްލައި އެއްލާލާފައި ވަނިކޮށްނެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަޙްޤީޤު ޓީމުން ވަނީ ކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.