ޗައިނާގައި ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު ބިލިއަނަކަށް އަރައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް އެ ގައުމުގެ 500 މިލިއަން މީހުންނަށް ވަނީ ވެކްސިން ޖަހައިފައެވެ. އެއީ އެ މުއްދަތުގައި މުޅި ދުނިޔޭގައި ވެކްސިން ޖެހި މީހުންގެ ދެބައިކުޅަ އެއްބައެވެ.
ފުރަތަމަ ޗައިނާގައި ވެކްސިން ދޭން ފެށީ ވަރަށް މަދުންނެވެ. އެ ގައުމުން އޭރު ބޮޑަށް ފޯކަސް ކުރީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށެވެ. ނަމަވެސް ޑެލްޓާ ވޭރިއަންޓް ފެނުމާއެކު އެ ގައުމުގައި ވެކްސިނަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް އިތުރުވިއެވެ.
އެ ގައުމުގެ ސަރުކާރުން ވަނީ ވެކްސިން ޖަހާ މީހުން ގިނަ ކުރުމަށް ވެކްސިން ޖަހާ މީހުންނަށް ހަދިޔާވެސް ދެމުންނެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި އެހެން ބައެއް ބޭނުންތެރި ތަކެތި ހިމެނެއެވެ.
ޗައިނާއިން އުފެއްދި ވެކްސިނަކީ އެމެރިކާ އާއި ޔޫކޭއިން އުފެއްދި ވެކްސިނާ އަޅާ ބަލާއިރު ފެންވަރު ދަށް ވެކްސިނެކެވެ. ނަމަވެސް ކޮރޯނާ ވައިރަސްއާ ދެކޮޅަށް މިވެކްސިންވެސް މަސައްކަތް ކުރާކަން ތަހުލީލުތަކުން ދައްކައެވެ.

ޗައިނާގައި މިހާރު ދުވާލަކު 20 މިލިއަން މީހުންނަށް ވެކްސިން ދެއެވެ. އެ ގައުމުގެ ސަރުކާރުން ބޭނުންވަނީ މި މަސް ނިމުމުގެ ކުރިން އެ ގައުމުގެ އާބާދީގެ 40 އިންސައްތައަށް ވެކްސިން ދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!