ނަފްރަތުގެ ޢަމަލުތައް ހުއްޓުވުން" މި ނަމުގައި 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ރައުޔު ނެރެފި އެވެ.

އެމިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާންނެއްގައި ބުނެފައިވަނީ އެމިނިސްޓްރިގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅުއްވާފައިވާތީ ބިލާމެދު އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާކޮށްފައިވާކަމަށެވެ.

Ad
rt

އެ ބިލު ފާސްވެގެން އަންނަ އިރު ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ބުރޫއަރާ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވިފައިވާކަމަށެވެ.

އެގޮތުން އެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އެ މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންނެވެ.

އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށެވެ.

"މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި މި މިނިސްޓްރީން ދެކެމެވެ."

އެމިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއްގައުމުތަކުން ނުވަތަ ޖަމާޢަތްތަކުން ޖަރީމާތައް ހިންގާހިނދު އެކަމާދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް ހިންގާ ސުލްޙަވެރި ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަކަންކަން ޖިނާއީ މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށްވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައި ވާނެކަމަށް ބުނެފައިވެއެވެ.

މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގުއިލްޒާމު އެޅުވުމާއި އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންކަމެއްކަމަށާއި އަދި އެފަދަ އެއްވެސް އަމަލަކީ އެ މިނިސްޓްރީން ބަލައިގަނެ ތަރުހީބު ދޭނޭކަންކަމެއް ނޫންކަމަށް ބުނެފައިވެއެވެ.

އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކޮށް ޤާނޫނަކަށް ވުމުގެކުރިން ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީގެ ރައުޔު އޮޅުންފިލުއްވުމަކީ އެ މަޖިލީހުން ކުރެއްވި ރަނގަޅު ކަމެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރައްވާފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށްވެގެން އަންނައިރު ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ލަފާފުޅަށް އެ މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނުއްވާނެކަމަށް އެ މިނިސްޓްރީން ޔަޤީންކުރާކަމަށް ބުނެފައިވެއެވެ.