ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އާދީއްތަ ދުވަހުގެ ވެނެޒުއޭލާއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު ކޮލަމްބިއާ ބަލިކޮށް ޕެރޫއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ވެނެޒުއޭލާއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އިކުއެޑޯއިން ކުޅުނު ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް ލިބިފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އިކުއެޑޯއިންނެވެ. މި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ރޮބާޓް އާބޮލެޑާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕްރެސިއާޑޯއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އިކުއެޑޯ ކުރީގައި އޮވެގެންނެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ވެނެޒުއޭލާއިން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 51 ވަނަ މިނެޓުގައި އެޑްސަން ކަސްޓިލޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ މާޓިނޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މެޗުގައި ދެވަނަ ފަހަރަށް އިކުއެޑޯއިން ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ގޮންޒާލޯ ޕްލާޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ވެނެޒުއޭލާއިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމްގެ ޑިފެންޑަރ ރޮނާލްޑް ހެނާންޑޭޒް ކާމިޔާބުކުރި ލަނޑުންނެވެ.
އާދީއްތަ ދުވަހުގެ ރޭ ކޮލަމްބިއާއާއި ޕެރޫ ބައްދަލުކުރި މެޗު 2-1 ގެ ނަތާޖާއިން ކާމިޔާބު ކޮށްފައި ވަނީ ޕެރޫއިންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދާފައި ވަނީ ކޮލަމްބިއާއިންނެވެ. ކޮލަމްބިއާގެ ކުއަޑާޑޯ ޕެރޫގެ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބާރުހަމަލާ ގޮސްފައިވަނީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސް ޕެރޫއިންނެވެ. ޕެރޫގެ ޔޮޝިމާ ޔޮޓޫން ކޮލަމްބިއާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑެ އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ސާޖިއޯ ޕެނާއެވެ.
ކޮލަމްބިއާއަށް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ އެ ޓީމްގެ ފޯވާޑް ބޮރާހާއެވެ. މި މެޗުގައި ޕެރޫއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ 64 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑިފެންޑަރ ޔެރީ މިނާއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ގްރޫޕް ބީގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު މިވަގުތު ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިގެން މި ގްރޫޕްގެ އެއްވަނާގައި އޮތީ ބްރެޒިލްއެވެ. ދެވަނާގައި ހަތަރު ޕޮއިންޓް ހޯދައިގެން ކޮލްމްބިއާ އޮތްއިރު ތިންވަނާގައި އޮތީ ތިން ޕޮއިންޓް ހޯދައިގެން ޕެރޫއެވެ. ހަތަރުވަނާގައި ދެ ޕޮއިންޓް ހޯދައިގެން ވެނެޒުއޭލާ އޮތްއިރު އެއް ޕޮއިންޓާއިއެކު ފުލުގައި އޮތީ ވެނެޒުއޭލާއެވެ.
މިރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މިރޭ ދަންވަރު 02:00 ގައި ބައްދަލު ކުރާނީ އުރުގުއޭއާއި ޗިލީއެވެ. ދެވަނަ މެޗުގައި ފަތިހު 05:00 ގައި ބައްދަލު ކުރާނީ އާޖެންޓީނާއާއި ޕެރެގުއޭއެވެ. މިއީ ގްރޫޕް އޭގެ ދެ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!