ކޯވިޑް-19 ބަލިން ދިފާއުވުމަށް އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފި އެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "އެސްޓްރަޒެނެކާ ފާރމަސޫޓިކަލް ކޮމްޕެނީ" ނަމަކަށް ކިޔާ ބޭސް ދިރާސާކޮށް އުފެއްދި "ކޯވިޑް-19 ވެކްސިން އަސްޓްރާޒެނެކާ"، ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީއިން، މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ.
މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށްކަމަށް ކަމަށެވެ.
މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ 7 ވަނަ ވެކްސިންކަމަށާއި ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށްވެސް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ އެމަޖެންސީ ރޫސް ލިސްޓިން (އީ.ޔޫ.އެލް) ގައި ހިމެނޭ އަދި މިހާތަނަށް 115 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެއްކަމަށް މައުލޫމާތު ދިނެވެ. މިގައުމުތަކުގެ ތެރޭގައި ޔޫކޭ، ކެނެޑާ، މެލޭޝިއާ، ސްޕެއިން، ފްރާންސް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެއެވެ.
މިވެކްސިން ބަހައްޓަންޖެހެނީ 2°C - 8°C ގެ ފިނިހޫނުމިނެއްގާކަމަށް ފާހަގަކުރަށްވާ އެ އޮތޯރިޓީން ބުނީ މިވެކްސިންއަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެންކަމަށެވެ.
އަދި އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ ވާހަކަވެސް އެބަޔާނުގައި ވަނީ ދަންނަވާފައެވެ.
ޢާންމު ގޮތެއްގައި ކޮންމެ ވެކްސިންއަކީ ވެސް، އެ ވެކްސިންއެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ "ރިއެކްޝަން" އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއްކަން ފާހަގަކުރައްވައި އެމް.އެފް.ޑީ.އޭ އިން ބުނެފައިވަނީ ކުރިއެކޭ ވެސް އެއްފަދައިން، މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެ އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ހެލްތް އަދި އެޗް.ޕީ.އޭ ގުޅިގެން ގާތުން ބަލަމުން ގެންދާނެކަމަށެވެ.
މީގެ އިތުރުން މި މަހު 6 ވަނަ ދުވަހުވެސް އެ އޮތޯރިޓީން ކޮވިޑް-19 އިން ރައްކާތެރިވުމަށް 2 ވެކްސިނެއް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. މީގެތެރޭގައި ޖެންސެންއިން އުފައްދާފައިވާ ވެކްސިން، "ކޯވިޑް-19 ޖެންސެން ވެކްސިން" އާއި، ސްޕެއިންގެ އުފެއްދުމެއްކަމުގައިވާ މޮޑާނާ ވެކްސިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!