ދިވެހިރާއްޖެއާއި، ހައްދު ފަހަނައަޅާފައިވާ އިޒްރޭލާއި ދެމެދު ވައިގެ ދަތުރުތައް ފަށަންއުޅޭކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޮގުކޮށްފިއެވެ.
ރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެެންޑް ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނުގައިވަނީ، ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފުއެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއަރލައިނަކަށް ހުއްދަ ދެވިފައިނުވާއިރު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާ ވާހަކަ ދަންނަވަމެވެ." ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.
ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާކަމަށާއި އަދި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިނުވާ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން މިފަދަ ބަޔާނެއް މި ނެރުނީ އިޒްރާއީލްގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކަމިނޯސްއާ ހަވާލާދީ އިޒްރާއިލްގެ ނޫހެއް ކަމަށްވާ އިޒްރާއިލް ހަޔޮމްގައި އެގައުމާއި، ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް ބުނުމުން އެ ޚަބަރު ރާއްޖޭގެ މީޑިއާގައި އިއްޔެ ރިޕޯޓުކޮށްފައި ވަނިކޮށެވެ.
އިޒްރާއިލް ހަޔޮމްގައި ރިޕޯޓްކޮށްފައިވާގޮތުން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު އެގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރުމަށް ވަނީ ތައްޔާރުވެފައެވެ. މިގޮތުން ކޮންމެ ހަފްތާއަކު 5 ދުވަހު ސީދާ ދަތުރުތައް ބާއްވާނެ ކަމަށް އެނޫހުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!