ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކުލަބު ދޫކޮށްލަން ނިންމައިފިއެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ރެއާލް ދޫކޮށްލަން ނިންމާފައި މި ވަނީ އެ ޓީމަށް 16 އަހަރު ދުވަހު ކުޅުމަށް ފަހުއެވެ. ސާޖިއޯ ރާމޯސް އަކީ ރެއާލް މެޑްރިޑްގެ ތާރީޚުގައި ވެސް އެ ޓީމްގެ އެންމެ ކާމިޔާބު ކެޕްޓަނެވެ.

Ad
rt

ރެއާލް މެޑްރިޑުން އެ ޓީމްގެ ކެޕްޓަން ކުލަބު ދޫކޮށްލާނެކަން ކަށަވަރު ކޮށްދީފައި ވަނީ ރޭގެ ވަގުތެއްގައެވެ. މިކަން ހާމަކޮށް ރެއާލުން ބުނެފައިވަނީ ރާމޯސްގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ހާއްސަ އިވެންޓެއް ބާއްވާނެ ކަމަށެވެ. އަދި މި އިވެންޓުގައި ކުލަބްގެ ރައީސް ވެސް ބައިވެރިވެ ވަޑައި ގަންނަވާނެ ކަމަށެވެ.

ރާމޯސް ރެއާލް މެޑްރިޑަށް ބަދަލުވެފައި ވަނީ 2005 ވަނަ އަހަރު ސެވިއްޔާއިންނެވެ. އޭނާ ވަނީ ރެއާލަށް 671 މެޗު ކުޅެދީ 101 ލަނޑު ކާމިޔާބު ކޮށްދީ، 40 އެސިސްޓް ކޮށްދީފައެވެ.

ރާމޯސްވަނީ ފާއިތު ސޯޅަ އަހަރު ދުވަހު ރެއާލްއާއި އެކު 22 ތަށި ކާމިޔާބު ކޮށްފައެވެ. ކޮޕަޑެލްރޭ ދެ ފަހަރު، ލަލީގާ ފަސް ފަހަރު، ސުޕަކޮޕާ ހަތަރު ފަހަރު، ޔުއެފާ ސުޕަކަޕް ތިން ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހަތަރު ފަހަރު އޭނާ ވަނީ ރެއާލުގެ ޖޯޒީގައި ކާމިޔާބު ކޮށްފައެވެ. ރާމޯސް ރެއާލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސް ވުން މުއްދަތު މި ހިނގާ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.

މިހާރު ހިނގަމުންދާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިނުން އެކުލަވާލި ސްކޮޑުގައި ރާމޯސް ހިމަނާފައި ނުވި ނަމަވެސް އޭނާ ވަނީ ސްޕެއިންއާއެކު ވެސް ބޮޑެތި ކާމިޔާބީތައް ހޯދަފައެވެ. މިގޮތުނަބަލާއިރު އޭނާ ވަނީ ސްޕެއިން ޤައުމީ ޓީމަށް މިހާތަނަށް 180 މެޗު ކުޅެދީ ސްޕެއިނަށް ދެ ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދީފައެވެ. އެއީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯއެވެ. އަދި 2010 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސްޕެއިން ކާމިޔާބުކުރި އިރު އެ ޓީމްގައި ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.