ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާއި ހަންގޭރީ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ޕޯޗުގަލް ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ހަންގޭރީގެ ކެޕިޓަލްސް ސިޓީގައި ހުންނަ ބުޑަޕެސްޓް ސްޓޭޑިއަމްގައި 60000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޕޯޗުގަލްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ހަންގޭރީގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ޕޯޗުގަލްގެ ފޯވާޑް ޔޮޓާއަށް ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ ހަންގޭރީގެ ކީޕަރު ދިފާއުކުރި އިރު މެޗުގެ 40 ވަނަ މިނެޓުގައި ޔޮޓާ ފޮނުވާލި ހަމަލާވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހަންގޭރީގެ ގޯލުކައިރިން ލިބުނު ހުސްފުރުޞަތު ވެސް ބޭނުން ކުރެވިފައި ނުވެއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ޕޯޗުގަލްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގެ ކުރީކޮޅު ލިބުނު ކޯނަރަކުން ޕޯޗުގަލްގެ ޑިފެންޑަރ ޕެޕޭ ބޮލުން ފޮނުވާލި ހަމަލާ ހަންގޭރީ ކީޕަރު ދިފާއުކުރި އިރު، މެޗުގެ 68 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާވެސް މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ހަންގޭރީގެ ކީޕަރ ޕީޓަރ ގުލަކްސީވަނީ ދިފާއު ކޮށްފައެވެ.
މި މެޗުގައި ޕޯޗުގަލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރަފޭލް ގުއެރޭރޯއެވެ. ގުއެރޭރޯ ހަންގޭރީގެ އޭރިއާތެރޭ ހުރެ ފޮނުވާލި މި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ހަންގޭރީގެ ޑިފެންޑަރުންގެ ފައިގަޖެހި މިސްރާބު ބަދަލުވެގެން ގޮސްފައެވެ. މި މެޗުގައި ޕޯޗުގަލްއިން ކާމިޔާބުކުރި ދެވަނަ ލަނޑު 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ 90 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި މެޗިގެ ނަތީޖާ 3-0 އަށް ބަދަލު ކޮށްލާފައެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއިއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާއަށެވެ. ފްރާންސްގެ ލެޖެންޑް ޕްލެޓިނީ ޔޫރޯގައި ނުވަ ގޯލު ކާމިޔާބު ކޮށްފައިވާއިރު މިރޭ ކާމިޔާބުކުރި ދެ ލަނޑާއި އެކު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ އެގާރައަށް އަރާފައެވެ. ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފަސް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ކުޅުންތެރިއާއަށެވެ. އަދި އެ ފަސް މުބާރާތުގައި ވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ. މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއި އެކު އޭނާ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 106 އަށް އަރާފައެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައި ދިނުމުގެ ރިކޯޑް މިވަގުތު އޮތީ އިރާންގެ އަލީ ދާއީ އަތުގައެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 109 ލަނޑު ޖަހާފައެވެ.
ގްރޫޕް އެފްގެ ދެވަނަ މެޗުގައި މިރޭ ދަންވަރު 0000 ގައި ބައްދަލު ކުރާނީ ދިނިޔޭގެ ޗެމްޕިއަން ފްރާންސާއި ޖަރުމަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!