ދިވެހިރާއްޖޭގައި ދީނަށް ފުރަށްސާރަ ކުރާމީހުން އުޅޭކަން ނުދެނެހުރި ކަމަށާއި، މި ގައުމުގައި އިތުރު ދީނެއް ފަތުރަން އެއްވެސް ބަޔަކު ނޫޅޭކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު ޢަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް "ނަފްރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރު ކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އިބުތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މިގޮތުން އޭނާ ހުވަދު އަތޮޅުގައި ހައްދަވަމުން ގެންދަވާ ރިސޯޓުގެ ގޮނޑު ދޮށުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި ލާދީނީ މީހުންނޭ ކިޔައިގެން ވާހަކަ ދެއްކުން އޮންނަނީ ފެއިލްވާ މީހުން އިންތިޚާބުތައް ކާމިޔާބު ކުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އަދި އިންތިޚާބުތައް ކާމިޔާބު ކުރާމީހުން ކުރަނީ ހިސާބުތައް ޖަހައިގެން ކުރާ މަސައްކަތްތަކެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހަކީ ވަރަށް ސާފު އިސްލާހެއް ކަމަށެވެ. އަދި މިއީ 21 ވަނަ ގަރުނު ކަމަށާއި، ރާއްޖެއަކީ ދުނިޔެއާއި ލާމެހިފައިވާއޮތް ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ބަރޯސާވެފައިވާ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީ ޑްރާފްޓް ކުރިކޮމެޓީގައި މަސައްކަތް ކުރެއްވި ކަމަށާއި، ޤާނޫނުއަސާސީގައި ހުރިހާ ދިވެހިންނަކީ ސުންނީ މުސްލިމުންކަމަށް އޮތީ ލިޔެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައުމުގައި އިތުރު ދީނެއް ފަތުރަން ބަޔަކު އުޅޭކަން އެނގިފައެއްނެތް، ނުވެސް އުޅޭ، ދެން ހަމަ ކޮންމެ ކަމެއް ލައިގަންނައިރަށް ދިވެހިރާއްޖޭގެ ވަތުބަޔަކީ އިސްލާމްދީނުގެ މިލްކުވެރިިކަން ނަގައިގެން އުޅޭބައެއް، އަޅުގަނޑުމެން އެންމެންގެ މައްޗަށް ރަޙްމަތެއް ގޮތުގައި މާތްﷲ ބާއްވާލެއްވި އިސްލާމްދީން އަމިއްލަ މިލްކެއް ކަމަށް ނަގައިގެން އުޅޭބައެއް ތިބިކަމީ އެންމެންވެސް ދަންނަކަމެއް"

ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއްވެސް މަންޒަރަކުން އެމްޑީޕީއަށް ކާމިޔާބު ވެއްޖެނަމަ އެއީ ލާދީނީ ގްރޫޕެއްކަމަށް ސިފަކުރާ ކަމަށާއި، ރައީސް މައުމޫނު "ފޭލިވަމުން ފޭލިވަމުން ގޮސް އެންމެ ފަހުން އެމްޑީޕީ މީހުން ބޮލުގައި އެޅުވީ ލާދީނީ މަރުކާ" ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގައުމުގައި އެއްވެސް ބަޔަކު އިސްލާމް ދީނަށް ފުރަށްސާރަކޮށް އެހެންއުޅޭތަނެއް އަޅުގަނޑެއްވާ ނުދެކެން، ހަމަގައިމުވެސް ޕީޕީއެމް، ޕީއެންސީ ދީނޭކިޔަގެން ވާހަކަ ދައްކަން އެއީ ކޮންބައެއްތޯ،"

އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ތަހުޒީބު ގޮތަކަށް މީހަކު އުޅޭފިނަމަ އެއީ ލާދީނީ މީހަކަށް ހަދާކަމަށާއި، ނާތަހުޒީބުކޮށް ހަޑި މުޑުދާރުކޮށް އުޅުނަށް އެއީ މައްސަލައަކަށްނޫން ކަމަށް ދައްކަން ބަޔަކު އުޅޭ ކަމަށެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު މީހުން އެބަތިބި ކަމަށާއި، އަދި އެމީހުންނަކީ ޓެރަރިސްޓުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ މީހުން އިސްލާމް ދީން ބޭނުންކުރަނީ ހަތިޔާރެއް ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގެ ކަންކަން ހުރީ ރަނގަޅަށް ނޫންކަމަށް ފުލުހުންނާއި ސިފައިންނަށް ނެގޭނެ ކަމަށެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި ބިލު ވަނީ އިތުރަށް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފަ އެވެ.