އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށް ހިމަނައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

Ad
rt

މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި މި ބިލުގެ އިބުތިދާއީ ބަހުސްގެ މަރުހަލާ ވަނީ ކުރިއަށް ގެންގޮސް، ބިލު ބަލައިގަތުމާއި މެދު ތަޅުމުގައި ވޯޓަށް އަހާފައެވެ.

ބިލު ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި ބިލު ވަނީ އިތުރަށް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފަ އެވެ.

މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން 124 ވަނަ މާއްދާގެ ގޮތުގައި "ނަފްރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅާފަ އެވެ.

މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް އެ މާއްދާގައި ބުނެއެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރިކަމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއީ ޖުނަޙްގެ އެއްވަނަ ދަރައިގެ ކުށެއް ކަމަށް ވަނީ ބިލުގައި ބުނެފައެވެ.

ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެއިތުރުން ވެސް އެ ބިލުގައި ވަނީ ނުކުތާތައް ހިމަނައި، ކުށްތައް ބަޔާން ކޮށްފައެވެ.

މި ބިލު ފާސްނުކުރުމަށް އެދި ރާއްޖޭގެ 17 އަށްވުރެ ލޯކަލް ކައުންސިލުން ބަޔާން ނެރެފައިވާއިރު، ގިނަ ދީނީ ޢިލްމްވެރިންނާއި، ބައެއް އާންމުން ވެސް ދަނީ ބިލާ ދެކޮޅު ހަދަމުންނެވެ.