ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އަށް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ސީއީއޯގެ މަޤާމަށް ރައީސް ޢައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑރ. ޢަބްދުލްޙަންނާން ވަޙީދު އެވެ.
ޑރ. ޢަބުދުލްޙަންނާން މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ. އަދި މި ޤާނޫނުގެ ދަށުން "އެމްކިއުއޭ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުފުރުއްވަމުން ގެންދެވީ އެބޭފުޅާއެވެ. މީގެ އިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީ.އީ.އޯގެ މަޤާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ޑރ. ޢަބުދުލްޙަންނާން ފުރުއްވާފައިވެއެވެ. ޑރ. ޕީއެޗްޑީ ޙާޞިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް" މިއަދު އުފައްދަވައި އެ ބޯޑަށް 7 މެންބަރުން ޢައްޔަންކުރައްވާފައެވެ. އެގޮތުން އެމެންބަރުން ނަކީ:
- ޑޮކްޓަރ ޢަބްދުލްޙަންނާނު ވަޙީދު، ދަފްތަރު. ނަންބަރު ރސ 2968 (ޗީފް އެގްޒެކެޓިވް އޮފިސަރ) (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ)
- އަލްފާޟިލާ ޚަދީޖާ އާދަމް، ގ.އަލަފަރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން (މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު)
- ޑޮކްޓަރ އަޙްމަދު ޢަލީމަނިކު، މއ.މާނިކަ (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
- ޑޮކްޓަރ ޢާއިޝަތު ރީޝާ، މ.ސްނޯޑައުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)
- ޑޮކްޓަރ މުޙައްމަދު ޝަރީފް، މ.ޏަމްޏަމްގެ ވައިސް ޗާންސެލަރ / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން ޢައްޔަންކުރާ 1 މެންބަރު)
- އަލްފާޟިލް އާދަމް ޙަލީމް، ދަފްތަރު. ނަންބަރު ރސ 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް / މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު).
- އަލްފާޟިލް މޫސާ މުޙައްމަދުމަނިކު، ސޯސަންގެ/ރ.ފައިނު ޑިރެކްޓަރ / ވިލާ ކޮލެޖް (ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!