ސިވިލްސަރވިސްގެ ހުރިހާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަށް އ ކޮމިޝަނުން ވިސްނަމުންދާކަމަށް ސިވިލްސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ސީއެސްސީގެ ނައިބު ރައީސް ރަޝީދު މިހެންވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމަށް މީހުން ހަމަޖެއްސުމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ޓީ.ވީ.އެމްގެ "ހެނދުނު ހެދުނާ ޕްރޮގްރާމު"ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައެވެ.
ރަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމުތަކަށް އެޕްލިކޭޝަން އޮންލައިންކޮށް ހުށަހެޅުމަށް ސިިވިލްސަރވިސް ކޮމިޝަނުގެ ވިޔުގަ ސިސްޓަމުގައި އޮންލައިން އެޕްލިކޭޝަން ޕޯރޓަލް އެެއް މިހާރު ތައްޔާރުކުރައްވާފައިވާ ކަމަށެވެ.
މިގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އެޕްލިކޭޝަންތައް މިފަހަރު ހާޑް ކޮޕީ ބަލައި ނުގަންނާނެ ކަމަށާއި، އަދި އީމެއިލްގެ ޒަރިއްޔާއިން ލިބޭ އެޕްލިކޭސަންތައްވެސް ބަލައިނުގަންނާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
އޮންލައިން ޕޯރޓަލް ފަރުމާކޮށްފައިވަނީ އެއް އެޕްލިކޭސަން ފޯމުން ކުރިމަތިލައްވަން ބޭނުންފުޅުވާ ހުރިހާ ކައުންސިލްތަކަށް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އެއްވެސް އިރެއްގައި ސިވިލްސަރވިސް އޮފީހެއްގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްނަމަ ސިވިލްސަރވިސް ވިޔުގަ ސިސްޓަމްތެރޭ އެފަރާތެއްގެ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާގެ ލިޔުންތައް ހުރިނަމަ އެފަދަ ލިޔުންތައް އަލުން ހުށަހަހަޅަން ނުޖެހޭނެ ކަމަށާއި، އެފަދަ ފަރާތްތަކުން ހަމައެކަނި ހުށަހަޅަން ޖެހޭނީ އިތުރު ތައުލީމީ ސެޓްފިކެޓް ތަކާއި ތަޖުރިބާގެ ލިޔުންތައް އެކަނި ކަމަށް އޭނާ ފާހަގަކުރެެއްވިއެވެ.
މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވި ގޮތުގައި، ސެކްރެޓަރީ ޖެނެރަލް މަޤާމަށް އޮންލައިންކޮށް އެޕްލިކޭސަން ހުށަހެޅުން މިފަހަރު ތަޖުރިބާކުރުމަށްފަހު ކުރިއަށް އޮތްތަނުގައި ސިވިލްސަރވިސްގެ ހުރިހާ ވަޒީފާތަކަށް އެޕްލިކޭޝަން ހުށަހެޅުން ސިވިލްސަރވިސް އޮންލައިން ޕޯޓަލްއަށް ބަދަލުކުރެވިގެންދާނެކަމަށެވެ.
މި ޕޯރޓަލްގައި ރެޖިސްޓްރީ ކުރެވެނީ އީ ގަވަރމެންޓް ނެޓްވޯކްގެ ތެެރެއިން އީ ފާސް އެެއް ކުރިއޭޓްކޮށްގެންނެވެ. އީ ފާސް ލޮގިންނަކީ އެން.ސީ.އައި.ޓީ އިން ބަލަހައްޓަމުން ގެންދަވާ ސެކިޔުރިޓީ ރަނގު އޮންލައިން މެކޭނިޒާމެކެވެ.
މިއަހަރު ކުރީކޮޅު ސިވިލްސަރވިސް ކޮމިޝަނުންވަނީ ސިވިލްސަރވިސް ވިޔުގަ ސިސްޓަމް ގައި އީ ފާސް އެކައުންޓް ލިންކުކޮށް މައި އެކައުންޓް ބޭނުންކޮށްގެން އެމުވައްޒަފެއްގެ ޕާރސަނަލް މައުލޫމާތުތައް އެމުވައްޒަފަކު އަމިއްލައަށް ބެލޭގޮތަށް ހަދާފައެވެ.
މުވައްޒަފުންނާ ގާތުން ޚިދުމަތް ދިނުމަށް ސިވިލްސަރވިސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަށްވަމުންދާއިރު، އެ ކޮމިޝަންގެ ހިންގުމަށް ދަނީީ ހެޔޮބަދަލުތަކެއް ގެންނަމުންނެވެ. އަދި އޮންލައިން ކޮށް އެ ކޮމިޝަންގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެސް އެ ކޮމިޝަނުން އަންނަީ ގިނަ މަސައްކަތްތަކެއްކޮށް، އޭގެފަސޭހަކަށް ރައްޔިތުންނަށް ހޯދައިދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!