ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ހޮނިހިރު ދުވަހުގެ ރޭ ޑެންމާކާއި ފިންލޭންޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން އެ ޓީމުން ރަނގަޅު ކޮށްފިއެވެ.
ޑެންމާކްގެ ކޯޕަންހޭގަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ލަނޑއެއް ކާމިޔާބު ކުރެވިފައިނުވާއިރު، މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްޝަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން މެޗުގެ ރެފްރީވަނީ މެޗު ހުއްޓާލާފައެވެ. މެޑިކަލް ޓީމުން އެރިކްޝަންއަށް ދަނޑުމަތީގައި ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓު ފަރުވާ ދިނުމަށް ފަހު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ސަބަބާއި ގުޅިގެން ޔުއެފާއިން މެޑިކަލް އެމަޖެންސީގެ ސަބަބުން މެޗު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ނަމަވެސް އެރިކްޝަން ހޭއަރައި ހާލަތު ސްޓޭބަލްވުމާއި އެކު ޔުއެފާއިން ވަނީ ދެ ޓީމާއި މަސްވަރާކޮށް މެޗުގެ ބާކީބައި، މެޗު ސަސްޕެންޑް ކުރިތާ ދޮޅުގަޑިއިރު ފަހުން ފެށުމަށް ހަމަޖައްސާފައެވެ. މިގޮތުން ފުރަތަމަ ހާފުގެ ބާކީ ހަތަރު މިނެޓް ކުޅުމަށް ފަހު ހާފްޓައިމްއަށް ފަސްމިނެޓްގެ ވަގުތުކޮޅެއް ދިނުމަށްފަހު މެޗުގެ ދެވަނަ ހާފުފަށައި މެޗު ވަނީ ފުރިހަމަ ކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފިންލޭންޑުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެރޭ އުރޮނެން ޑެންމާކްގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޮއެލް ޕޮހެންޕަލޯއެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ޑެންމާކުން ވަނީ ކުޅުން ރަނގަޅުކޮށް ފިންލޭންޑް ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އެ ޓީމަށް ވަނީ ޕެނަލްޓީއެ ވެސް ލިބިފައެވެ. ނަމަވެސް 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ޑެންމާކްގެ ހޮއިބިއާ ވަނީ މިސްކޮށްލާފައެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ފިންލޭންޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މި ގްރޫޕްގެ ދެވަނަ މެޗުގައި ހޮނހިރު ދުވަހުގެ ރޭ ދަނަވަރު ބެލްޖިއަމް އާއި ރަޝިއާ ބައްދަލުކުރާނެއެވެ. މިވަގުތު މި ގްރޫޕްގެ އެއްވަނާގައި ތިން ޕޮއިންޓާއިއެކު އޮތީ ފިންލޭންޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!