ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިރޭ ޑެންމާކާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުމަކާއި ދާދި ގާތްވެފައި ވަނިކޮށް ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްޝަން ހަރަކާތް ހުއްޓި ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން މެދުކަނޑާލި މެޗުގެ ބާކީއޮތްބައިގެ ކުޅުން ފަށައިފިއެވެ.

ޑެންމާކްގެ ކެޕިޓަލް ސިޓީގައި ހުންނަ ކޯޕަންހޭގަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެދުކަނޑާލިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.

Ad
rt

ޔުއެފާއިން ދެ ޓީމާއި މަސްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ މި މެޗުގެ ފުރަތަމަ ހާފުގެ ފަހު ހަތަރު މިނެޓްގެ ކުޅުން ކުޅުމަށް ފަހު ފަސް މިނެޓްގެ ބްރޭކެއް ދިނުމަށެވެ އަދި އެއަށްފަހު މެޗުގެ ދެވަނަ ހާފުގެ ކުޅުން ކުރިއަށް ގެންދާ ގޮތަށެވެ.

އެރިކްޝަން ހަރަކާތް ހުއްޓި ދަނޑުމައްޗަށް ވެއްޓުމާއިއެކު މެ ޑިކަލް ޓީމުން ވަނީ އޭނާއަށް ދަނޑުމަތީގައި ގިނަވަގުތުތަކެއް ވަންދެން ފަރުވާ ދީފައެވެ. އެއަށްފަހު އޭނާ ދަނޑުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއަށްފަހު ޔުއެފާއިން ހާމަކޮށްފައިވަނީ އެ މެޗު މެޑިކަލް އެމަޖެންސީގެ ސަބަބުން މެޗު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެރިކްޝަން ހޭއަރާފައިވާ ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ޑެންމާކްގެ ޓީމްގެ ކެޕްޓަންކަން ކުރަމުން އަންނަ އުމުރުން 29 އަހަރުގެ އެރިކްޝަންއަކީ އެ ޓީމްގެ މިޑްފީލްޑްގައި ހުރި އެންމެ މުހިންމު ކުޅުންތެރިއާއެވެ. ނިމިދިޔަ ސީޒަންގައި އިންޓަ މިލާނަށް އިޓާލިއަން ސީރިއާ ކާމިޔާބު ކޮށްދިނުމުގައި ވެސް އެރިކްޝަން ވަނީ މުހިންމު ދަޢުރެއް އަދާކޮށްފައެވެ.