ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ މިބަލީގައި ނިޔާވި މީހުންގެ އަދަދު 196 އަށް އަރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 63 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިއީ މިއަދު މިބަލީގައި ނިޔާވި 4 ވަނަ މީހާ އެވެ.

Ad
rt

މިއަދު އެންމެ ފުރަތަމަ ނިޔާވީ މިއަދު ހެނދުނު 09:55 ގައި އުމުރުން 84 އަހަރުގެ ދިވެހި އަންހެނެވެ. މި މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އެއަށްފަހު ހަމަ އެތަނުގައި ފަރުވާ ހޯދަމުންދިޔަ 25 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ ނިޔާވެފައެވެ. އެޒުވާނާ ނިޔާވީ ސިޒޭރިއަން ކުރިތާ 8 ދުވަސް ފަހުންނެވެ. އޭގެ އިތުރުން މިއަދު އިތުރަށް ނިޔާވެފައިވަނީ ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 92 އަހަރުގެ ފިރިހެނެކެވެ.

މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 4،788 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 246 މީހަކު ކަމަށާއި އޭގެ ތެރެއިން މާލެ ސަރަަހައްދުން އެ ބަލި ޖެހުނީ 88 މީހަކަށެވެ.