ހދ. ކުޅުދުއްފުށި ސިޓީން އިތުރު 10 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 23 އަށް އަރައިފިއެވެ.
މިފަހަރު ޕޮޒިޓިވްވެފައިވަނީ މި މަހުގެ ނުވަނަ ދުވަހު އެ ރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ސީ ކުއީން ބޯޓުން ޕޮޒިޓިވްވި ފަޅުވެރިއާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ތެރެއިން 6 މީހަކެވެ. މީގެކުރިން މި މަހުގެ ދިހަވަނަ ދުވަހު މި ކްލަސްޓާއާއި ގުޅިގެން އިތުރު ދެ މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ނިމުނު ހަފްތާ ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި ކޯވިޑް ޓާސްކްފޯސްގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި ވަނީ އެ ސިޓީއާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓުފަހަރު ރަށަށް ލެފުމާއެކު ބޯޓުން ދަތުރު ކުރާ ފަޅުވެރިންގެ ސާމްޕަލް ނެގުމަށް ނިންމާފަ އެވެ. މިގޮތަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި މާލޭގެ ހާލަތު އިތުރަށް ރަނގަޅު ވަންދެން މިގޮތަށް ކުރިއަށް ގެންދިއުމަށް ވެސް އެ ޓާސްކްފޯސްއިން ވަނީ ނިންމާފައެވެ.
މި އުސޫލުގެ ދަށުން ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ލެފި ބަހާދަރު ބޯޓުގެ ހުރިހާ ފަޅުވެރީންގެ ސާމްޕަލް ނަގައި ކަރަންޓީން ކުރެވިފައިވާއިރު އޭގެ ތެރެއިން 4 މީހަކު މި ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
މި ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވެފައިވަނީ މި ދެ ބޯޓުގެ ޕޮޒިޓިވް ކޭސްތަކާއިއެކު، ރަށުގެ ރައްޔިތުން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތުން މާސްކު އަޅައިގެން އުޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، އެ މީހަކާއި ކޮންޓެކްޓް ވާ މީހުންގެ އަދަދު ވީހާ ވެސް މަދު ކުރުމަކީ މުހިންމު ކަމެއް ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ. އިތުރަށް ވިދާޅުވެފައިވަނީ މާތް ﷲގެ ވާގިފުޅާއެކު މިފަހަރު ވެސް ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ.
މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 69 ޑައިރެކްޓް ކޮންޓެކްޓުން ފާހަގަކުރެވިފައިވެއެވެ. މި ވަގުތު އެ ސިޓީގެ ޖުމްލަ 28 ގެއެއް މޮނީޓަރިންނަށް ވަނީ ލާފައެވެ. މިހާތަނަށް 55 ސާމްޕަލް ނަގާފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ތެރެއިން މިހާތަނަށް 14 ސާމްޕަލެއް އަދި ނެގިފައިނުވެއެވެ. އަދިވެސް ދަނީ އިތުރު ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިރެއާ މާދަމާވެސް އެ ސިޓީގައި ސާމްޕަލް ނެގުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޯވިޑާއި ގުޅިގެން ކުޅުދުއްފުށި އެޗްޕީއޭއިން އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންސްފައިވަނީ އިއްޔެ (9 ޖޫން2021) ގެ 23:53 ގައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!