ރައްޔިތުން ގެ ހާދިމުނަށް ސާނާ ކިއުމުގެ ދަހިވެތި ސިފައަކީ، ހުދުމުހުތާރު ވެރިކަން ދަމަހައްޓާދޭ ވިރާސީ އަޅުވެތި ސިފައެއްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ "މަޖިލީހާއި ސަރުކާރާ ދެމެދު މައްސަލަ ޖެހި، އެމްޑީޕީގެ މަސައްކަތް ދެބައިވެދާނެ: ބިގޭ" މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޓުވީޓު ކުރައްވަމުންނެވެ.
މިޓުވިޓުގައި ބޮންޑޭ ވިދާޅުވެފައިވަނީ، އެންމެޙާ ހަމްދު ސަނާ ހުރީ ހެއްދެވި ފަރާތައް ކަމަށް ބުނެ ވާހަކަދައްކަން ފަށާ ސިޔާސީމީހާ އޭނާގެ އަމިއްލަ ބޭނުންތައް ފުއްދަން ސަރުކާރުގެ އެކި މަގާމުގައި ތިބޭ ރައްޔިތުން ގެ ހާދިމުނަށް ސާނާ ކިއުމުގެ ދަހިވެތި ސިފައަކީ ހުދުމުހުތާރު ވެރިކަން ދަމަހައްޓާދޭ ވިރާސީ އަޅުވެތި ސިފައެއްކަމަށެވެ.
"ހިޔާލުތަފާތުވާ ވަގުތު ފޯނު ކޯލަކުން "ވިދާޅުވި" ކަމަށްބުނެ ކޮމިޓިއެއްގެ މަސައްކަތް ނޮޅާލުމުގެ ބަދަލުގައި އަބަދުވެސް ޕާޓީގެ ޕާލަމެންޓްރީގްރޫޕުން މީޑިޔާގެ ކުރިމަތީގައި ރައްޔިތުން ގެ މަސްލަހަތު އިސްކޮށް ޑިމޮކްރަސީގެ އުސޫލްތައް ހިޔާރުކުރާނަމަ އެއްވެސް މައްސަލައެއް ނުނުކުންނާނެއެވެ."
ހަމަ އެސުރުހީއަށް ރައްދު ދެއްވަމުން ބޮންޑޭ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ބޮންޑޭ މިމޭރުމުން މިގޮތައް ޓުވީޓު ކުރައްވާފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި ދެބަސްވުމެއް އުފެދި ބަހުގެ ހަމަލާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް މި ފަހުން އެންމެ ބޮޑުވެފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކުރަން އުޅުމުން އެކަމާ ދެކޮޅަށް މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އަޅަން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ވެސް ދެކޮޅު ހެދުމުންނެވެ.
އެ ކޮމިޓީން މައްސަލަ ބޭރުކޮށްލީ ބިގޭ އަންގަވައިގެން ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސް މެންބަރުންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
ބޮންޑޭ ރައްދުދެއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީގެ މަސައްކަތް ދެބައިވާ ތަން މިހާރު ފެނިވަޑައިގަންނަވާ ކަމަށްވިދާޅުވުމުންނެވެ.
"އެމްޑީޕީ ދެބައިވާކަށް، އެމްޑީޕީގެ އެއްވެސް މީހެއް، މި މަސައްކަތުގެ ގުރުބާނީ ތެރެއިން އައި އެއްވެސް މީހަކު ނޭދޭނެ. އެމްޑީޕީ ދެބައެއް ނުވާނެ. އެމްޑީޕީގެ މަސައްކަތް ދެބައި ވެދާނެ،" ބިގޭ ވިދާޅުވި އެވެ.
އެ ހިޔާލު ތަފާތުވުންތައް ކޮންޓްރޯލް ކޮށްގެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެ ކަންތައް މާ ބޮޑުވެފައިވާ މަންޒަރު ކަމަށް ބިގޭ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!