އިސްލާހީ މަސައްކަތުގެ ތެރެއިން އެތައް އަނިޔާއެއް ތަހައްމަލުކުރަން ޖެހުނު ކަމަށާއި، އަދި ވެސް ހުރީ ސާބިތުކަމާއެކު ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، ކިޔަވާވިދާޅުވެ، 1985 ވަނަ އަހަރު ސްކޫލް ނިންމާލީ ވެސް މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދަދު ޞާލިޙާއެކު އެއްބެޗެއްގައި ކަމަށެވެ. އަދި އޭނާ އަކީ ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ކުރަމުންއައި މީހެއް ކަމަށް ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ އެ ބޭފުޅުން އެންމެ ބޮޑަށް ދެއްކެވީ އިންސާފުގެ ވާހަކަ ކަމަށާއި، މަސައްކަތް ކުރެއްވީ ވެސް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ. އަދި މިހާރުވެސް އެމްޑީޕީއަކީ އެޕާޓީގެ ގިނަ ކަންތައްތައް ރާއްޖޭގައިހުރި އެހެން އެއްވެސް ޕާޓީއަކަށްވުރެ ބޮޑަށް އިންސާފުގެ މަގަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީ މިހާރުވެސް ދަތުރު ކުރަމުން ދަނީ އެމަގަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމަގަށް ދަތުރުކުރިއިރު އަޅުގަނޑަށް ޖެހުނު ވަރަށް ބިކަހާލުގައި، އޭގެތެރޭގައި 1990 ވަނަ އަހަރު ޖަލުގެ ހަޔާތް ފެށިގޮތަށް 1999 ވަނަ އަހަރު އަޅުގަނޑު މިނިވަންވެ އަނެއްކާވެސް ސިޔާސީ ހަރަކާތަށް ނިކުންނަށް ދިމާވީ، އޭގެތެރޭގައި އަނިޔާތަކުގެ ތެރޭގައި ދުނިދޫ ޓިނުގޮޅީގައި އަޅުގަނޑުވެސް 6 މަސްދުވަހު އޮތިން، އޭގެއިތުރުން ދޫނިދޫ ކުޑަ ގޮޅީގައި އޮތިން 2 ރޯދަ މަސް ދަންދެން، އަޅުގަނޑުއަތުން ކާންދީގެން ކުކުޅު ފިޔޮއް ބޮޑުކޮށް، އެއެއްޗެއްސަށް ދަރިން ލިބި، އެއެއްޗެހީގެ ދަރީންގެ ދަރީންނަށް ދަރިންލިބި އެހުރިހާ ކަމެއް ހެނދުނުސައިބޯން ގެންނަ ރޮށިކޮޅުއުކައި، އަޅުގަނޑުގެ ކުރިމަތީގައި އެހުރިހާ މަންޒަރެއް ހިނގާ ދިޔައިރުވެސް ދޫނިދޫގެ 3 ނަމްބަރު ކުޑަގޮޅީގައި އަޅުގަނޑު އޮތިން،" ބިގޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖަލުގައި ފަސްއަހަރާބައިވަރު ހޭދަކުރެއްވި ކަމަށާއި، އެދުވަސްވަރު ދޫނިދޫ ޖަލުގައި ވެސް، ގާމާދޫ ޖަލުގައި ވެސް އޮންނެވިކަމަށެވެ.
"ހުކުމްގެ ބާކީބައި ތަންފީޒު ކުރަން ހޯރަފުއްޓަށް ގޮސް އެއް އަހަރު ދުވަހު އެރަށުގައި އުޅުނިން ދެން ހުކުމްގެ ބާކީއޮތް މުއްދަތު ހަމަކުރީ ރ. އަތޮޅު އަލިފުށީގައި ހުރެ އެ އިސްލާހީ މަސައްކަތުގައި އޭރުން ފެށިގެން އަނިޔާއާއި ހުރިހާ އެއްޗެއް ތެރޭ މިދަނީ އެ މަސައްކަތުގައި އިރާދަކުރެއްވިއްޔާ ދެންވެސް ދެމި ހުންނާނީ" ބިގޭ ވިދާޅުވިއެވެ.
ބިގޭ ވަނީ ނިމުއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު، ސިޔާސީ ގޮތުން އޭނާއަށް އަނިޔާ ކުރި މީހުންނަށް މަޢާފު ވެސް ކުރަށްވާފައެވެ.
މިގޮތުން އެދުވަހު ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، ''އިންތިޤާލީ އިންޞާފުގެ ބިލު'' ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން އޭނާ ޖަލުގައި އޭނާ ކުރެއްވި ހިތްދަތި ތަޖުރިބާއިން ބައެއް ވިދާޅުވެދެއްވާފައެވެ.
''އަޅުގަނޑަށް ހަމަ އެނގިގެން ހިނގައިދިޔަ ކަންތައްތައް ކޮންމެވެސް ވަރަކަށް ހިއްސާކޮށްލަން ބޭނުން. ކުށެއް މީހަކު ކުރީމާ، ޓެރަރިޒަމް ގާނޫނު ކިޔާފައި ގާނޫނެއް ހަދާއިރު، އެ މީހާ އޮންނަނީ ޖަލުގައި. ޖަލުގައި އެ މީހާ ބާއްވާފައި ގާނޫނުގައި މި ލިޔަނީ، މިހާތަނަށް ހުކުން ނީއްވާ ތިބި މީހުންނަށް ހުކުން އިއްވާނީ މި ގާނޫނުގެ ދަށުންނޭ ކިޔާފައި ހުކުން މި އިއްވަނީ. ގާނޫނުން ހުކުން އިއްވާފައި އެ ތަންކޮޅު މި ފުހެލަނީ ގާނޫނެއްގައި އޮންނަ ރަނގަޅު ނޫން ތަންކޮޅެއް ކަމަށް ގަބޫލުކުރެވިގެން.'' ބިގޭ އެދުވަހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!