އިންޑިއާގައި ބްލެކް ފަންގަސް ބަލި ފެތުރެމުންދަނީ ކަންބޮޑުވާ މިންވަރަކަށްކަމަށް އެގައުމުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ސިއްހަތާބެހޭ ވަޒީރު ހަރްޝް ވަރުދަން އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވީ ބުލެކްފަންގަސް ޖެހޭ މީހުންގެ އަދަދު އިންޑިއާގެ ސްޓޭޓްތަކުގައި ވަރަށް ބޮޑަށްއިތުރުވަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 28،000 އަށްވުރެ ގިނަމީހުންނަށް އެބަލި ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

ހަރްޝް ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ އަދަދެއް ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން އިންޑިއާގައި ބްލެކް ފަންގަސް އިތުރުވެފައިވާއިރު ދިރާސާތަކުން ދައްކާގޮތުގައި މި ބަލި ޖެހެނީ ދިފާއީ ނިޒާމް ދެރަ މީހުންނަށެވެ. އެގޮތުން މި ބަލިޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ކޯވިޑް ޖެހި ރަނގަޅުވާ މީހުންނާއި ހަކުރު ބަލީގެ މީހުންނަށެވެ.

ބްލެކްފަންގަސް ޖެހުމުން ނޭފަތުގެ ކުލަ ކަޅުކުލައަށް ބަދަލުވެއެވެ. ލޮލުގެ ފެނުން ނުސާފުވެ ބައެއް ހާލަތްތަކުގައި ލޮލުގެ ފެނުން ގެއްލެއެވެ. އަދި މެޔަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސައި ކަރުން ލޭއައުންފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ދިމާވެއެވެ.

މީގެއިތުރުން ސައިނަސް ޖެހުމުން ކަރުތެރެއަށް ވާގޮތްވުމާއި ނޭފަތް ބެދި ނޭވާލަން އުނދަނގޫވުމާއި ބޮލުގައި ރިއްސުމާއި ސިކުނޑި ދުޅަވުމާއި ހަށިގަނޑުގެ ބައެއްގުނަވަންތައް އައްސިވުމުގެ އިތުރުން ދަތްތަކުގައި ރިއްސުމަކީވެސް މި ބަލީގެ އަލާމާތްތަކެކެވެ. މި ބަލި ޖެހިގެން ލޮލަށް ލިބޭ ގެއްލުމުގެ ސަބަބުން ބައެއް މީހުންގެ ލޯނަގާލަން ވެސް ޖެހެއެވެ.

އިންޑިއާގައި ބްލެކްފަންގަސް އެންމެ ބާރަށް ފެތުރޭ ސްޓޭޓުތަކަކީ މަހަރާޝްތުރާ އާއި ގުޖުރާތު އަދި އުއްތަރަ ޕްރަދޭޝް އާއި ރާޖަސްތާނާއި، ހަރިޔާނާއާއި ކަރުނާޓަކާއާއި ދިއްލީ، އާއި އަންދުރަ ޕުރަދޭޝްއެވެ.