ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާޠިލުކުރުމަށް 9 ފެބްރުވަރީ 2021 ވަނީ އަމުރެއް ނެރެފައެވެ.
އެ އަމުރު ނެރުނީ އަލީ ވަހީދު ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.
ބޭރަށް ފުރުމުގެ ހުއްދަ ލިބުމާއެކު އޭނާ ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ފުރާވަޑައިގެންފައެވެ. އޭނާ ބޭސްފަރުވާއަށް ދިން މުއްދަތުގައި އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާޓޤ އެކުވެރިއެއް ކަމަށްވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެވެ.
ޖާމިނުވުމަށް އަސްހަދު ސޮއި ކުރެއްވި އިގުރާރުގައި ވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އަނބުރާ ރާއްޖެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް މިއަދަށް ހަތަރު މަސް ހަމަވިއިރު ވެސް އަލީ ވަހީދު ވަޑައެއް ނުގަންނަވަ އެވެ.
އަލީ ވަހީދަށް އެ ދޫދިނުމާއި ގުޅުގެން އޭނާއަކީ ތަހުގީގާއި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ކުރިން ވެސް ފިލާފައި ހުރި މީހަކަށް ވާތީ ޕާސްޕޯޓް ދޫކޮށްފި ނަމަ އޭނާ އެނބުރި އައުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ބުނެފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި، އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކޮށްފައި ވަނީ އެ ބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަލީ ވަހީދު ބޭސް ފަރުވާއަށް ފުރައިވަޑައިގަތީ ޓަރކިޝް އެއަރލައިންގައިކަމަށް މައުލޫމާތު ހާމަވިޔަސް އޭނާ ހުންނެވީ ކޮން ގައުމެއްގައިކަމެއް މިހާތަނަށް ސާފުވިކަން އިނގޭކަށް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!