ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ބުދަދުވަހު ބްރެޒިލް ޕެރަގުއޭއަތުން މޮޅުވިއިރު އާޖެންޓީނާއާއި ކޮލަމްބިއާ ބައްދަލކުރި މެޗު އެއްވަރު ވެއްޖެއެވެ.
ޕެރަގުއޭގައި ކުޅުނު މި މެޗު ބްރެޒިލް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް މިހާތަނަށް ކުޅުނު ހަ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ބްރެޒިލުން ވަނީ މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑުޖަހާ ލީޑުނަގާފައެވެ. މި ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ނޭމާއެވެ. މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ލޫކަސް ޕަކުއޭޓާއެވެ.
އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ކޮލްމްބިއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އާޖެންޓީނާއިން ވަނީ ދެ ލަނޑުޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ޑި ޕައުލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮމޭރޯ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު އަށްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ގޮންޒާލެޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޕަރްދޭސްއެވެ.
ކޮލަމްބިއާއިން މެޗުގެ ދެވަނަ ހާފުގައި ވަނީ ކުޅުން ރަނގަޅުކޮށް އާޖެންޓީނާގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. މިގޮތުން އެ ޓީމުންވަނީ މެޗުގެ 51 ވަނަ މިނެޓުގައި ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ލުއިސް މުރިއެލްއެވެ. ކޮލަމްބިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސްމިނެޓްގެ ތެރޭގައި ބޮރާހާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ކޮލިފައިންގައި އާޖެންޓީނާ މިމަހު ހަތަރު ވަނަ ދުވަހު ޗިލީއާއި ބައްދަލުކުރި މެޗު ވެސް ނިމިގެން ގޮސްފައިވަނީ އެއްވަރު ވެގެންނެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގެ ޕޮއިންޓް ތާވަލު އެއްވަނާގައި މިވަގުތު ކުޅުނު ހަ މެޗުން 18 ޕޮއިންޓް ހޯދައިގެން އޮތީ ބްރެޒިލްއެވެ. ދެވަނާގައި އާޖެންޓީނާ އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ހަ މެޗުން ލިބުނު 9 ޕޮއިންޓާއިއެކު އިކުއެޑޯ އޮތްއިރު ހަތަރުވަނާގައި ހަ މެޗުން 8 ޕޮއިންޓް ހޯދައިގެން އޮތީ އުރުގުއޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!