ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރި ކަމުގެ ފަހު މެޗުގައި ލެޓްވިއާ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ އެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ.
މުޅި މެޗުގައި ވެސް ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ރުބެން ގުސެން ކާނުޔާބު ކުރިއިރު، ދެވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ކާމިޔާބު ކޮށްދީފައިވަނީ ގުންޑަގަންއެވެ. މެޗުގެ ތިންވަނަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭ މުލާ ޤައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގައި ޖަރުމަނުން ކާމިޔާބު ކުރި ހަތަރުވަނަ ލަނޑަކީ ލެޓްވިއާގެ ކީޕަރ އޮޒޯލްސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭ ޖަރުމަނުގެ ފޯވާޑް ގްނަބްރީ ކާމިޔާބުކުރި ލަނޑާއިއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 5-0 ގެ ނަތީޖާއިން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ޓިމޯ ވާނާ ލަނޑެއްޖަހައި ވަނީ މެޗުގައި ޖަރުމަނަށް ހަ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މެޗުގައި ލެޓްވިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސެވެލްޔެސްއެވެ. މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ހަތްވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސާނޭއެވެ.
މިއީ ޖަރުމަނުގެ ތަޖުރިބާކާރު ގޯލް ކީޕަރ މެނުއަލް ނޯޔާ ޖަރުމަނުގެ ޖޯޒީގައި ކުޅުނު 100 ވަނަ މެޗުވެ. އޭނާ ވެގެން ގޮސްފައިވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 100 މެޗު ކުޅެދިން ފުރަތަމަ ކީޕަރަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ކުޅޭ ފުރަތަމަ މެޗު އޮންނާނީ 15 ޖޫން 2021 ގައެވެ. އެ މެޗުގައި ޖަރުމަނު ނުކުންނާނީ ފުރާންސާއި ދެކޮޅަށެވެ. މިއީ މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވިފައިވާ ގްރޫޕް އެފްގެ މެޗެކެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޝުގަލްގެ އިތުރުން ހާންގޭރީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!