މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ ބޯމަތިވެފައި ވަނިކޮށް، ޒަރޫރީ ޒަރޫރީބޭނުމެއްގައި ނޫނީ ރަށްރަށަަށް ނުދެވޭގޮތް ހަދައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ އާންމުކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ފިޔަވާ މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމަށް ހުއްދަދިނުން މިވަގުތަށް ހުއްޓާލެވިފައިވާ ކަމަށެވެ.

Ad
rt

ޒަރޫރީ ބޭނުމެއް ގޮތުގައި ބަލާ ދެން ރަށްރަށަށް ދާން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށް ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

މީގެއިތުރުން މާލޭގައި ވަޒީފާ އަދާކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި، މާލޭގައި ދިރިއުޅެވެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި، މައިންބަފައިން ބަލިވުން ނުވަތަ އަނބިމީހާ ވިހެއުންފަދަ ކަންކަމުގައި ރަށަށް ދާން އެދޭ މީހުންނަށާއި، ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށްވެސް ރަށަށް ދާން ހުއްދަ ދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފަ އެވެ.

ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނާއި، ޗުއްޓީއަށް ރަށްރަށަށްދާން އެދޭ ފަރާތްތަކަށް ހުއްދަ ނުދޭގޮތަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ.

މާދަމާއިން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފަށާނެއެވެ. އަދި މާދަމާއިން ފެށިގެން "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށް ދަތުރު ހުއްދައަށް އެދޭއިރު، އެމީހަކު ދަތުރުކުރަނީ ޒަރޫރީ ބޭނުމެއްގައިކަން ބަޔާންކޮށް އެ ދަތުރުކުރާ ރަށެއްގެ ކައުންސިލުންދޭ ލިޔުން އެ ޕޯޓަލްއަށް އަޕޯޑް ކުރަންޖެހޭނެއެވެ.

މީގެއިތުރުން މިފަދަ މީހުން މިހާރެކޭ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެއެވެ.

އެޗްޕީއޭއިން އަތޮޅުތެރެއަށް ދަތުރުކުރުމުގެ އުސޫލު ހަރުކަށި ކުރިއިރު މިމަހުގެ 24 ވަނަ ދުވަހު މުއަހަރުގެ ދިރާސީ އަހަރު ނިމި ދަރިވަރުންނަށް ބޮޑުޗުއްޓީ ލިބޭނެއެވެ.

މާލޭގައި ގޭ ބަންދުގައި އެތައް މަހެއް ވަންދެން ކުދިން ބައިތިއްބަން ޖެހުމުން ޗުއްޓީއަށް ރަށަށް ދިއުމަށް ގިނަބަޔަކު މިހާރު ވެސް ތިބީ ފޮށިތަންމަތި ބަނދެގެންނެވެ. ނަމަވެސް މިއުސޫލާއެކު އިތުރަށް އެފަދަ ޢާއިލާތަށް ގޭ ބަންދުވާނެއެވެ.