ހދ. ނޭކުރެންދޫ ކަނޑޫފަލަށާއި، އެ އަތޮޅު ކޭލަކުނު ކުޅި ފާއަށް ދިމާވެފައިވާ މައްސަލަތައް ލަސްނުކޮށް ދެނެގަނެ، އެތަންތަނަށް ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށްޖެހޭކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން ބުނެފިއެވެ.

އެ ޖަމިއްޔާތަކުން މިހެން ބުނީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައި، ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައެވެ.

Ad
rt

ރާއްޖޭގެ ތިމާވެށީގެ ހާލަތަށް ފަންނީ، ޢިލްމީ ނަޒަރަކުން އަލިއަޅުވާލައި، ބޭނުންތެރި މައުލޫމާތުތައް އެކުލެވޭ ދިރާސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެބަޔާނުގައި އެ ޖަމިއްޔާތަކުން ބުނެފައި ވަނީ، މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރޭގެ ސަރަހައްދުތަކުން މީގެކުރިން ފެނިފައިނުވާ ފަދަ ގިނަ އަދަދަކަށް ކުޅި ފާގެ ސަރަހައްދު ތަކެއް މަރުވެގެން ގޮސްފައިވާ ކަމަށެވެ.

"މީގެ ތެރޭގައި ތިމާވެށީގެ ޚާއްސަ މުއްސަނދިކަމާ ދިރޭތަކެތީގެ މުއްސަނދިކަމަށް ފާހަގަކުރެވި ހިމާޔަތްކުރެވިފައިވާ ނޭކުރެންދޫ ކަނޑޫފާ އަދި ކޭލަކުނު ކުޅިއާ ފާގެ ސަރަހައްދުތައް ހިމެނެއެވެ. މި މައްސަލަ ދިރާސާކޮށް ބެލުމަކީ ދިވެހި ސަރުކާރުން ލަސް ނުކޮށް ކުރަންޖެހޭ ކަމެކެވެ. އަދި ކަމާބެހޭ ތަފާތު މަސްލަހަތުވެރިން ގުޅިގެން އެފަރާތްތަކުގެ އެހީތެރިކަމާއެކު މި ކުޅި ފާ ޗަސްބިންތައް އަލުން އިޔާދަކުރުމަށް މަސައްކަތް ކޮށް، މިކަމުގައި ރައްޔިތުންނަށް މާނަވީ ގޮތެއްގައި ބައިވެރިވެވޭނެ ގޮތްވެސް މަގުފަހި ކުރަންޖެހެއެވެ."

އެ ޖަމިއްޔާތަކުން ބުނެފައެވެ.

މީގެއިތުރުން އެ ޖަމިއްޔާތަކުން ވަނީ ކުޅުދުއްފުށި ކުޅީގެ ބާކީ އޮތް ސަރަހައްދު ހިމާޔަތްކުރުމަށް ވަގުތުން ވަގުތައް ފިޅަވަޅު އަޅާ ގެއްލުންލިބިފައިވާ މާހައުލީނިޒާމުގެ ޚިދުމަތްތައް އަލުން އިޔާދަކޮށް އެރަށުގެ ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ދިވެހި ސަރުކާރަށް ހަނދާންކޮށްދީފައެވެ.

"ކުޅުދުއްފުށީގެ ކުޅިއަށް ދިމާވި ހާލަތު ތަކުރާރުވިޔަ ދީގެން ނުވާނެއެވެ. މި ނިޒާމުތަކުން ރަށްރަށުގެ ފެންފަށަލަ ދެމެހެއްޓެނިވިގޮތެއްގައި ހިފަހެއްޓުމާ، ރަށުގައި ފެންބޮޑުވުން ހައްލުކުރާ ފެންހިންދާ ނިޒާމެއްގެ ދައުރު އަދާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާތަކާދެކޮޅަށް ރަށުގެ ޖުމްލަ ވިލުންވެރިކަން ވަރުގަދަކޮށްދެއެވެ." އެ ޖަމިއްޔާތަކުން ބުނެފަވެއެވެ

އެ ޖަމިއްޔާތަކުން ވަނީ، ރާއްޖޭގެ އެންމެހާ ކުޅި ފާ ޗަސްބިން ތަކުގެ މާހައުލީ ނިޒާމުތަކުން ލިބޭ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެ ނިޒާމުތައް ހިމާޔަތްކުރުމަށް އިސްކަންދިނުމަށް ވެސް ގޮވާލާފައެވެ.

ނޭކުރެންދޫ ކަނޑޫފަލަށާއި، އެ އަތޮޅު ކޭލަކުނު ކުޅި ފާއަށް ދިމާވެފައިވާ މައްސަލަތައް ލަސްނުކޮށް ދެނެގަނެ، އެތަންތަނަށް ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށްޖެހޭކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން ބުނިއިރު، މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ކުމުންދޫ، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.