ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި އިހުމާލުވާ ފަރާތްތަކެއް ހޯދަން ތަހުގީގުކޮށް ފިޔަވަޅު އެޅެންޖެހޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވެއްޖެ އެވެ.

ޢާތިފް މިހެން ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަހު، ކޮވިޑް ބަލީގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތް މިޝްކާ މުހައްމަދަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓް ހެލްތް މިނިސްޓްރީން އާންމުކުރިތާ މާގިނަ އިރުތަކެއްނުވެ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޢާތިފް ވިދާޅުވީ މިޝްކާ އަކީ ހާއްސަ ކުއްޖެއްކަމަށާއި ޢާތިފްގެ އެއްބަނޑު ކޮއްކޮއެއް ގޮތަށް ދެކިގެން އެކުގާ ބޮޑުވި ދެބެންގެދެދަރި އަންހެން ކުއްޖެއްގެ ހުރި ހަމައެކަނި ދަރިފުޅުކަމަށެވެ.

"އެންމެ ކުޑައިރުން ފެށިގެން އަޅުގަނޑުގެ ހިތުގާ ހާއްސަ ލޯތްބެއް ދެވިފަވާ ކުއްޖެއް، އެ ލޯބި ލޯބި ކުޑަ ކުޑަ މިޝްކާ އެވަނީ މިއަދު އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ގޮސްސަ، އަދި އެއްފަހަރު ނަމަވެސް ތިއްތިބެއޭ ކިޔާފަ ގޮވާލާ އަޑު އިވޭނެނަމައޭ ހިތަށްއަރާ."

ޢާތިފްގެ މި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޢާތިފް އިތުރަށް ލިޔެފައިވަނީ މިމައްސަލައިގައި ޔާގީނުންވެސް އިހުމާލުވާ ފަރާތްތަކެއް ވާކަމަށާއި މި މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅެންޖެހޭނެކަމަށެވެ. އަދި މިފަދަ ހިތާމަވެރި ދެވަނަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށެވެ.

10 އަހަރުގެ މީޝްކާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިޔުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެއްޓު ހޭދަވި ކަމަށާއި ޕޮޒިޓީވްވި ދުވަހުން ފެށިގެން ބޮޑެތި އިޙްމާލުތަކެއް ވެފައިވާކަމަށް ހެލްތު މިނިސްޓްރީން އެ މަރު ތަހުގީގުކޮށް ނެރުނު ރިވިއު ރިޕޯޓުގައި ވަނީ ބުނެފައެވެ.