އެމީހެއްގެ ޙަޔާތުގައި ﷲ އަށް އުރެދި އެއިލާހުގެ ރަސޫލުންނަށް މަލާމާތްކޮށް، އެ ރަސޫލުންނަށް ތަބާވީ މީހުންނަށް އަނިޔާ ކުރުމުގައި ހައްދުފަހަނަޅާފައިވާ މީހާ އަށް ދުނިޔެ މަތީގައި ލިބުނު އެއްވެސް ފުރުޞަތެއްގައި ތައުބާވުން އިޚްތިޔާރުނުކޮށް ހުރެ، މަރުގެ ސަކަރާތުގެ ވަގުތު އައިސް ޖެހުމުން ޝަހާދަތްކިޔައި އިސްލާމްވާން ބޭނުއްވިއެއްކަމަކު، އެ ވަގުތަކީ ޝަހާދަތުގެ ދެ ކަލިމައިން ފައިދާ ނުކުރާ ވަގުތެއް ނޫނެވެ.
ކުއްލި ސިހުމާއި ރިހުމާއި ވޭން ތަޙައްމަލު ކުރަންޖެހޭ ވަގުތު އިންސާނުންނަށް އޭނާ ހެއްދްވި ފަރާތް ހަނދުމަވެއެވެ. ވައިގަދަވެ ގުދުރަތީ ނުރައްކާ ދިމާވުމުން ގޮވެނީ ހެއްދެވި ފަރާތަށެވެ. ކަނޑުގަދަވެ ސަލާމަތް ނުވާނެ ހިސާބަށް ދިޔުމުން އިޚްލާޞްތެރި ކަމާއެކު ދުޢާ ކުރަނީ ﷲ އަށެވެ. އެކިއެކި ގޮވުންތަކާއި ޒަލްޒަލާގެ ވަގުތު ހަނދާންވާ ފަރަތަކީ ނެތުމުގެ ތެރެއިން ތިމާ ވުޖޫދު ކުރެއްވި ފަރާތެވެ.
އެވަގުތު ނުލަފާ ޖައްބާރު ކިބުރުވެރި ޚުދުމުޚުތާރު މީހާ ވެސް ﷲ ނޫން އިލާހަކު ނުވާކަމަށް ހެކިވެ ޝަހާދަތުގެ ދެކަލިމަ ކިޔައި އުޅެއެވެ. އެހެނަސް އެއިން ކަމަކުން އޭނާ އަށް ކުރާނެ ފައިދާއެއް މަންފާއެއް ނޯންނާނެއެވެ.
އެފަދަ މީހުންގެ މިސާލު ޖައްސަވަމުން ކީރިތި ޤުރުއާނުގައި ޔޫނުސް ސޫރަތުގެ 90 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ
﴿حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ﴾ (سورة يونس: ٩٠)
މާނައީ: "ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسرآءيل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ." ނަމަވެސް އެ ނުލަފާ ޖައްބާރުކަލޭގެ ކިބައިން އެކަން ޤަބޫލު ނުވެވުނެވެ.
މަރުގެ ވަގުތު އައިސްޖެހި އޭނާގެ ލޯމައްޗައް ފެނުމުން އޭނާ ޝަހާދަތުގެ ދެކަލިމަކިޔެވެ. ނަމަވެސް އެއަކުން އޭނާ އަށް ކުރި އެއްވެސް ފައިދާއެއް ނެތެވެ. އެކަން އެނގެނީ އަންނަނިވި އާޔަތުންނެވެ.
﴿آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ﴾ (سورة يونس: ٩١)
މާނައީ: "(އެވަގުތު فرعون އަށް އެންގެވިއެވެ. ކަލޭ ތިޔަ إيمان ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ."
މިއީ މިއަދުގެ ދުނިޔޭގައި ވަރަށްގިނަ މީހުންގެ ޙާލަތެވެ. ފައިސާއާއި ވެރިކަމާއި ޖާހާއި ތަނަވަސްކަން ލިބުމުން، އެ ނިޢުމަތްތަށް ތަޤުދީރު ކުރެއްވި މަތިވެރި އިލާހުގެ މަތިން ހަނދާންނެތި ދެއެވެ. އެ އިލާހުގެ އަޅުތަކުންނަށް އޯގާތެރިވެ އުޅުމުގެ ބަދަލުގައި އެ މީހުންގެ މައްޗަށް އަނިޔާވެރިވެއެވެ.
ވަކިންޚާއްޞަކޮށް ﷲ އަށް ކިޔަމަންތެރިވާ އަޅުންނަށް އެކިގޮތްގޮތުން ދަތިކޮށް ޖެއްސުންކޮށް ތުރާދީ ހަދައެވެ. ﷲ އާއި އެކަލާނގެ ބާވައިލެއްވި ޝަރީޢަތަށް ގޮންޖަހައެވެ. މީސްތަކުންނަށް އަނިޔާވެރި ވުމުގެ ގޮތުން އަމިއްލަ ގޮތްތަކާއި މަވަންތަކަން ކުރިއެރުވުމަށް އެކިއެކި ޤަވާއިދުތަކާއި ޤާނޫނުތައް ހަދައި އޭގެ ނިވަލުގައި ތިބެ ނިކަމެތިންނަށް ގެއްލުންދީ ހަދައެވެ. ﷲގެ ރަސޫލުންނަށް މަލާމަތްކޮށް ފުރައްސާރަކުރެއެވެ. އެބޭކަލުން ގެންނެވި ރިސާލަތައް ޖޯކުޖަހައެވެ.
އެބޭކަލުންނީ މޮޔައިންކަމުގައި ބުނެއެވެ. ނޫންނަމަ ތިމަންނާ މެންނާއި އެބޭކަލުންނާ އެއްވެސް ތަފާތެއް ނެތޭ ބުނެ "އެ ރަސޫލުންނަށް" ބޭއިޙްތިރާމު ކުރެއެވެ.
މިފަދަ މީހުންނަކީ މިއަދު ދުނިޔޭގައި ވަރަށް ގިނަބައެކެވެ. މުސްލިމް ޤައުމުތަކުގައި ވެސް މިޒާތުގެ ނުލަފާމީހުން އުޅެއެވެ. މުސްލިމުންގެ މައްޗަށް އަނިޔާވެރިވުމަށް ކާފިރުން ގެންގުޅޭ އެންމެ ނުރައްވާ ހަތިޔާރަކީ މުސްލިމުންތެރޭތިބި މިފާޑުމީހުނެވެ. އެއީ އީ އެބައިމީހުން އުފައްދާ ތަމްރީނުކޮށް ޚަރަދު ކޮށްގެން ގެންގުޅޭބައެކެވެ.
އޭލޮބުވެތި މުސްލިމުންނޭވެ! އެފަދަ މީހުންނާއި ގާތްވެ އުޅުމަކީ ބަދުނަސީބުގެ ވަގުތު އޭގެ ގެއްލުން ތިބާއަށް ވެސް ފޯރައިފާނެކަމެކެވެ. ނޭނގުމުގެ ތެރޭގައި އޭނާގެ އަނިޔާވެރިކަމުގެ އަސަރުކޮށް މަރުގެ ވަގުތުގައި ޝަހާދަތް ކިޔުމަކުން ފައިދާނުކުރާ މީހުންގެ ތެރެއިން ތިބާވެސް ހިމެނިދާނެއެވެ. މިކަމާމެދު ސަމާލުވުން ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!