ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރުމުގައި ސަރުކާރުން ބޭނުންވާގޮތް އޮތީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކަމަށެވެ.
"ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގައި، ކައުންސިލްގެ ލަފާހޯދުމަށް ޤާނޫނުގައި މިހާރު ލިޔެވިފައިއެވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާޙާއިއެކު. ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން، ކައުންސިލްގެ ލަފާހޯދުން."
މަބްރޫކް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނެސް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފަވެއެވެ.
ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން މަޖިލީހަށް އިސްލާހް ހުށަހަޅުއްވާފައި ވަނީ ގެމަނަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސައީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!