އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މާބަނޑު އަންހެނެއްގެ ދަރިފުޅު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިސިއަލްވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ. އައިޖީއެމްއެޗް އިން ވިދާޅުވީ އެއަންހެން މީހާއަށް މިހާރު ދަރަމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގި ފިލާގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

Ad
rt

މީގެ އިތުރުން އައިޖީއެމްއެޗް އިން ވިދާޅުވީ އައިޖީއެމްޗްގެ އީއާރ އަށް މާބަނޑު މީހާ ގެންދިޔަ އިރުވެސް ދަރިފުޅު ނިޔާވެފައިވާކަމަށެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެއަންހެން މީހާ ވިހާފައިވަނީ އެންބިއުލާންސް ތެރެއަށެވެ.

ކުޑަ ކުއްޖާ ނިޔާވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގޭ ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވި އެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބޭގޮތެއް ނުވެއެވެ.

މިދިޔަ އަންގާރަދުވަހުގެ ރޭ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ އުމުރުން 10 އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ. އެކުއްޖާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އެކުއްޖާގެ އައިލާއިން ވަނީ ބުނެފައެވެ.

އެގޮތުން ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ.