ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ހަށިކޮޅަށް އަމާޒުކޮށްދިން ނުރައްކާތެރި ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި، އެ ހަމަލާގެ ފޯކަސް އަނބުރާލަަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެބަޔަކު ހޯދައި ތަހްގީގް ހިންގަން ޖެހޭ ކަމަށެވެ.

Ad
rt

"މިޖަރީމާގެ ފަހަތުގައި ތިބި ބަޔަކާ، މިކަން ކުރުވާ ބަޔަކާ ގުޅުންތަކެއް ވެދާނެކަމަށް ބެލެވޭ"

ވައްޑޭ ވިދާޅުވެފައި ވެއެވެ.

ވައްޑޭގެ މިގޮތަށް ވިދާޅުވިއިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވަނީ މި މަސއްސަލައާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ.

"‏ސިކިޔުރިޓީ ފޮށިފަޅާ، ފަރާތް ފޮރުވިގެން ތިބެ، ބްރީޗް މައްޗަށް ބްރީޗް ކޮށްގެން މަޢުލޫމާތު ދިނުމުން، އެއީ ވާހަކައިގެ ހީރޯ ކަމަށް ހަދައި، ވިކްޓިމް ބްލޭމްކޮށް ފުރައްސާރަކުރުމަކީ ގުޅިގެން ހިންގާ ޕްރޮޕަގެންޑާ"

އެ ޓްވީޓްގައި އިންތި ވިދާޅުވެފަ ވެއެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ.

މިހާދިސާގެ ތަހުގީގު ލަސްކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ގިނަ އެކްޓިވިސްޓުންނާއި އަދި ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި، ލ. ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު ހިމެނެއެވެ.